މިއަހަރުގެ މިހާތަަނަށް ރީ-އެކްސްޕޯޓްކޮށްގެން 319 މިލިޔަން ޑޮލަރު ލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކައިފިއެވެ.
އެ ރިޕޯޓުން ދައްކާގޮތުން ރީ-އެކްސްޕޯޓްކޮށްގެން މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން ރީ-އެކްސްޕޯޓްކޮށްގެން މިދިޔަ އަހަރު ލިބިފައިވަނީ 299 މިލިޔަން ޑޮލަރެވެ. އެހެންކަމުން މިއީ 6.8 އިންސައްތައިގެ އިތުރުވުމެކެވެ.
ރީ-އެކްސްޕޯޓް، ނުވަތަ އެހެން ޤައުމަކުން ރާއްޖެ ގެންނަ މުދާ ރާއްޖެއިން ރީ-އެކްސްޕޯޓްކޮށްގެން އެހެން ޤައުމަކަށް ގެންގޮސްގެން ލިބޭ އާމްދަނީ އިތުރުވެފައިވަނީ ސީ-ޓު-އެއަރ ކާގޯގެ ހިދުމަތް ރާއްޖޭގައި ފެށުމާއެކުއެވެ. އެ ޚިދުމަތް ފަށާފައިވަނީ 2024ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
ސީ-ޓު-އެއަރ ކާގޯގެ ހިދުމަތާ 17 އަށްވުރެ ގިނަ އެއާލައިން ގުޅިފައިވާކަން ފާހަގަކޮށްލެވެއެވެ. މިދިޔަ ޖުލައި މަހުވެސް ވަނީ ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ.
ރާއްޖެއަކީ ބައިނަލްއަގްވާމީ ގިނަ އެއާލައިންތަކަކުން ދަތުރު ކުރާ ގައުމަކަށްވާއިރު، މި ހިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުސަތުތައް ގިނަކަން ސަރުކާރުން ފާހަގަކުރެއެވެ.