ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

އެ އިންތިޚާބުގައި ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 10:00 ގައެވެ. އަދި 4:00 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، މާލޭގައި ހުންނަ އެލްޖީއޭ އޮފީހާއި އަތޮޅުތަކުގެ ސަރުކާރު ޚިދުމާތު މަރުކަޒުތަކުގެ އިތުރުން ހުޅުދޫ އިޖުތިމާއީ މަރުކަޒު ހިމެނޭހެން ޖުމްލަ 19 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 807 ފަރާތަކަށް ލިބިގެންވާއިރު، އޭގެ ތެރޭގައި 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށް ވޯޓުލުމުގެ ޙައްގު ލިބޭއިރު އެއީ 177 ރަށު ކައުންސިލާއި 5 ސިޓީ ކައުންސިލްގެ ޑަބްލިޔުޑީސީ މެމްބަރުންނެވެ.

މި އިންތިޚާބުގައި އެލްޖީއޭ އާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކާއި ހުޅުދޫ އިޖުތިމާޢީ މަރުކަޒުގައި 19 ވޯޓުފޮށި ބަހައްޓާނެއެވެ. އަދި ވޯޓުފޮށިތަކުގެ ކައިރީގައި އެލްޖީއޭގެ މުވައްޒަފުން ހަރަކާތްތެރިވާނެއެވެ.

އިންތިޚާބުގެ ވޯޓުލުން ނިންމައި، ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާއިރު، އެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ހަމަޖެހިފައިވަނީ މިރޭ އެވެ. ދާއިމީ ނަތީޖާ އިއުލާންކުރާނީ އަންނަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ.