ހުޅުމާލެ އަދި މާލޭގައި ފުލުހުން ފަށާފައިވާ ހާއްސަ ޓްރެފިކް އޮޕަރޭޝަންތަކާއެކު މަގުމަތީގެ އެކްސިޑެންޓްތަކުގެ ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް ދަށަށް ގޮސް، އުއްމީދީ ކުރިއެރުންތަކެއް ފެންނަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި ބަދަލަކީ ހަމައެކަނި ފިޔަވަޅު އެޅުމުގެ ނަތީޖާއެއް ނޫން ކަމަށާއި، މިއީ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައި އާންމު ރައްޔިތުން ދައްކަމުންދާ މިސާލުގެ ހެއްކެއް ކަމަށެވެ. އަދި މާލެ އާއި ހުޅުމާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުން މިއަދު ފެންނަނީ މަގުމަތީގެ އަމާންކަމަށްޓަކައި އެންމެން އެކުގައި އެއް އަމާޒަކަށް ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، ދުއްވާ އެއްޗެއްގެ ހުންގާނު ހިފަހައްޓައިގެން ހުންނަ ކޮންމެ މީހަކު ވެސް މަގުމަތީގެ ސަލާމަތަށް ވިސްނައި، ހުށިޔާރުވެ، އެހެން މީހުންނަށް އިހުތިރާމުކުރާ މަންޒަރަކީ މުޖުތަމައު އެދިއެދި އޮތް އެންމެ ބޮޑު އެދުން ކަމަށެވެ.
އެގޮތުން މި ފަހުން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ ނިންމެވުމަށް ފުލުހުން ފަށާފައިވާ ހާއްސަ ޓްރެފިކް އޮޕަރޭޝަންތަކާއެކު، މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ދޭ އަހައްމިއްޔަތުކަން އިތުރުވެ، ހެޔޮ ބަދަލުތަކެއްގެ ކުލަވަރު މިހާރު މަގުތަކުން ފެންނަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މަގުމަތީގެ އަމާންކަމަކީ ހަމައެކަނި ފުލުހުން ނުކުމެ ތަންފީޒުކުރާ ގާނޫނަކުން އެކަނި ހާސިލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭގެ އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކަމަކީ މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ފަރުދީ ޒިންމާއާއި، ގަވާއިދުތަކަށް ބޯލެނބުމުގެ ރިވެތި ސިފަ ކަމުގައި ފުލުހުން ބުނެއެވެ. އަދި ފަހަކަށް އައިސް ހިންގަމުންދާ އޮޕަރޭޝަންތަކުން ދައްކުވައިދެނީ، އާންމުންގެ ވިސްނުމަށް އަންނަމުންދާ މިފަދަ ހެޔޮ ބަދަލުތަކުގެ ސަބަބުން މަގުތަކަކީ އެންމެންނަށް އަމާން، ރައްކާތެރި ތަނަކަށް ހެދިދާނެ ކަމުގެ އުފާވެރި އުއްމީދެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން އެއްކޮށްފައިވާ އެންމެ ފަހުގެ އޮޕަރޭޝަނަލް ތަފާސްހިސާބުތަކުން ފެންނަނީ ވަރަށް އުއްމީދީ މަންޒަރެއްކަން ފާހަގަކޮށް ފުލުހުން ބުނީ، މަގުތަކުގައި ފުލުހުން ފާރަވެރިވާ މިންވަރު އިތުރުކޮށް، ހިންގުނު ހަރަކާތްތަކާ ގުޅިގެން ރިޕޯޓްކުރެވޭ އެކްސިޑެންޓްތަކުގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް މަދުވެފައިވާ ކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ އިރުޝާދުގެ ދަށުން 2026 އޮކްޓޫބަރު 8 ގައި ފެށި "އޮޕަރޭޝަން ރެކްލެސް ޑްރައިވިންގ" ގެ ނަތީޖާއަށް ބަލާއިރު، މި އޮޕަރޭޝަން ފެށުމުގެ ކުރީގެ 20 ދުވަހާ އަޅާބަލާއިރު އޮޕަރޭޝަން ފެށިފަހުން ވޭތުވެދިޔަ 20 ދުވަހުގެ ތެރޭގައި އެކްސިޑެންޓްތައް ވަނީ 36 އިންސައްތަ މަދުކުރެވިފައެވެ. އެއީ އޮޕަރޭޝަންގެ ކުރިން ހިނގި 117 އެކްސިޑެންޓާ އަޅާބަލާއިރު 43 އެކްސިޑެންޓްގެ މަދުވުމެކެވެ. މި މުއްދަތުގައި ހިނގާފައިވަނީ ޖުމްލަ 74 އެކްސިޑެންޓެވެ. ހުޅުމާލެ ފަދަ ދިގު އަދި ފުޅާ މަގުތަކެއް އޮންނަ ތަނެއްގައި ހިނގާ އެކްސިޑެންޓްތަކުން މިފަދަ ބޮޑު ދަށްވުމެއް ފެނުމަކީ، ރައްޔިތުން މަގުމައްޗަށްދޭ ސަމާލުކަން އިތުރުވަމުން އަންނަކަމުގެ ހެއްކެކެވެ.
ފުލުހުން ބުނީ، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން މާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުން ވެސް މިފަދަ ހެޔޮ ނަތީޖާތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން މާލޭގެ މަގުތަކުގައި 2026 ސެޕްޓެންބަރު 21 އިން އޮކްޓޫބަރު 7 ގެ ނިޔަލަށް 128 އެކްސިޑެންޓް ހިނގާފައިވާއިރު، ހާއްސަ ފިޔަވަޅުތަކާއެކު އޮކްޓޫބަރު 8 އިން 24 ގެ ނިޔަލަށް އެ އަދަދު ވަނީ 106 އަށް ދަށްކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ 22 އެކްސިޑެންޓްގެ ދަށްވުމެއް ނުވަތަ ގާތްގަނޑަކަށް 17.2 އިންސައްތައިގެ ހެޔޮ ބަދަލެއްކަން ފާހަގަކޮށް ފުލުހުން ބުނީ، މި ހިސާބުތަކަކީ އަދި މަސައްކަތުގެ ނިމުމެއް ނޫން ނަމަވެސް، އެންމެންގެ މަސައްކަތުން ރަނގަޅު މިސްރާބަކަށް ދަތުރުކުރެވޭ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
މީގެއިތުރުން، މި އޮޕަރޭޝަންތަކުން ފެންނަމުންދާ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރުންނަކީ ޒިންމާދާރުކަމާއެކު އުޅަނދު ދުއްވާ އެންމެހައި ރައްޔިތުން ކަން ފުލުހުން ފާހަގަކުރެއެވެ. އެގޮތުން މަގުމަތީގެ ނިޝާންތަކަށާއި ދުވެލީގެ މިންގަނޑުތަކަށް ބޯލަނބައި، ފުލުހުން ޖަހާ ޗެކްޕޮއިންޓްތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވާ ރައްޔިތުންގެ ސަބަބުން މަގުތަކުގެ ރައްކާތެރިކަން އިތުރުވަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ، އަމިއްލަ ސަލާމަތުގެ އިތުރުން މަގު ބޭނުންކުރާ އެހެން ފަރާތްތަކުގެ ފުރާނައަށް ރައްކާތެރިވެ، ގަވާއިދާ އެއްގޮތަށް ޕާކުކޮށް، އަދި ނުރައްކާތެރި އަމަލުތަކުން ދުރުހެލިވާ ހުރިހާ ފަރާތްތަކާއި ހިނގާބިނގާވާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ފުލުހުން މަގުމައްޗަށް ނުކުމެ ތިބެނީ ރައްޔިތުންގެ ފުރާނައާއި މުދާ ހިމާޔަތްކުރުމަށް އަދާކުރާ ގައުމީ ވާޖިބެއްކަން ދެނެގަނެ، އާންމުން ދައްކަމުންދާ ކެތްތެރިކަމާއި އެއްބާރުލުމަކީ އަގުނުކުރެވޭ ފަދަ ލާމަސީލު މިސާލެއް ކަމަށް ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.