ދިވެހިރާއްޖެއާއި ކުވައިތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ޖައްރާ ޖާބިރު އަލްއަޙްމަދު އަލް ޞަބާޙާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ވަޒީރު ޝަހީމްގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގެ ތެރެއިން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ކުވައިތުގެ ޢަމީރު ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްޞަބާހަށް ފޮނުއްވި ސިޓީފުޅެއް ޚާރިޖީ ވަޒީރު މެދުވެރިކުރައްވާ އަރުވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ވަޒީރުންވެސް ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެެވެ. މިގޮތުން ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތްކުރެވޭނެ ގޮތްތަކާގުޅޭ ގޮތުން ވަނީ މަޝްވަަރާކުރައްވާފައެވެ.
ވަޒީރު ޑރ. ޝަހީމް، ކުވައިތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ އައުޤާފާއި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު އިބްރާހީމް މުޙައްމަދު އަލްވަޞްމީގެ އަރިހަށްވެސް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، އިސްލާމީ ދާއިރާއިންނާއި، ވަޤުފް ތަރައްޤީކުރުމާއި، މީހުން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ވަޤުފް ތަރައްޤީކުރުމުގެ ދާއިރާއިން ދެ މުއައްސަސާ ގުޅިގެން ކުރިޔަށް ގެންދިޔުމާއި، އައުޤާފް ބިލު އެކުލަވާލުމުގައި ކުވޭތުގެ ފަންނީ މާހިރުންގެ އެހީތެރިކަމާއި ޕްރޮފެޝަނަލް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންނެވެ.
މީގެއިތުރުން، އިސްލާމީ ތަޢުލީމުގެ ދާއިރާއިން، ޚާއްޞަކޮށް ދިވެހިރާއްޖޭގެ އިމާމުންނާއި ވުޒާރާގެ މުވައްޒަފުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، އިމާމުންގެ ޢަރަބި ބަހުގެ ޤާބިލުކަމާއި ފަންނީ ކުޅަދާނަކަން އިތުރުކުރުމަށް ޚާއްޞަ ޢަރަބި ބަހުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. އަދި މުއައްސަސާތަކުގެ ޢިލްމީ މަޢުލޫމާތު ބަދަލުކުރުމާއި، ފަންނީ ޤާބިލުކަން އިތުރުކުރުމުގައި، އިސްލާމީ ވަޤުފްތަކާއި ދީނީ ޚިދުމަތްތައް ހިންގައި ތަރައްޤީކުރުމުގައި ކުވޭތުން ހޯދާފައިވާ ތަޖުރިބާއާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ.