ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ކޮމަންވެލްތު އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު އެންޓީގާ އެންޑް ބާބިޔުޑާއަށް ފުރާވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ މި ދަތުރުފުޅުގައި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން، މުހިންމު ބަޔާންތައް އިއްވެވުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ދުނިޔޭގެ އިޤްތިޞާދީ، ތިމާވެށީގެ އަދި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިން މަޝްވަރާކުރައްވައި، އެއްބާރުލުން އިތުރުކުރުމަށާއި، ވިލުންތެރިކަން ބިނާކުރުމަށާއި، ވިޔަފާރި ފުޅާކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް މަޝްވަރާކޮށް ގޮތް ނިންމުމަށް، މެންބަރު ޤައުމަކަށް ލިބޭ މުހިންމު މަންސައެކެވެ.

ރައީސް އޮފީހުން ބުނީ މި އަހަރުގެ ބައްދަލުވުން ކުރިއަށްދާނީ "އެކްސެލެރޭޓިންގ ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯރ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިޢާރުގެ ދަށުން ކަމަށާއި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ މެންބަރު ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި ވުނަކުރުމަށް ފުރުޞަތު ފަހިކުރުމުގެ އިތުރުން، އެންމެންގެ ބައިވެރިވުން ހިމެނޭ އިޤްތިޞާދީ ކުރިއެރުމެއް ހޯދުމަށް ކަމަށެވެ. މި ބައްދަލުވުން ކުރިއަށްދާނީ އަންނަ ނޮވެންބަރު މަހުގެ 1 އިން 4 އަށެވެ.