ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރެއް އިންތިޚާބު ކުރާނެއެވެ.

އެލްޖީއޭ އިން ބުނީ އިންތިޚާބީ މަޤާމުތަކަށް ހުޅުވާލުމުން ސިޓީ ކައުންސިލުގެ މެންބަރުންގެ ތެރެއިން ނަން ހުށަހެޅުއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނިކަމަށާއި އެ މެންބަރު ވަނީ އެލްޖީއޭގެ ބޯޑަށް އިންތިޚާބު ވެފައި ކަމަށެވެ.

އެގޮތުން މާދަމާ ބާއްވަނީ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން އައްޔަންކުރާ މެންބަރުންގެ އިންތިޚާބެވެ.

މި އިންތިޚާބާއި ގުޅިގެން، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އޮންލައިން ފޯމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައި ވާއިރު، ހުށަހަޅާ ޝަކުވާތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް، ފޯމުގައި ބަޔާންކުރާ އީމެއިލަށެވެ.

އެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 807 ފަރާތަކަށް ލިބިގެންވާއިރު، އޭގެ ތެރޭގައި 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށް ވޯޓުލުމުގެ ޙައްގު ލިބޭއިރު އެއީ 177 ރަށު ކައުންސިލާއި 5 ސިޓީ ކައުންސިލްގެ ޑަބްލިޔުޑީސީ މެމްބަރުންނެވެ.

މި އިންތިޚާބުގައި އެލްޖީއޭ އާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކާއި ހުޅުދޫ އިޖުތިމާޢީ މަރުކަޒުގައި 19 ވޯޓުފޮށި ބަހައްޓާނެއެވެ. އަދި ވޯޓުފޮށިތަކުގެ ކައިރީގައި އެލްޖީއޭގެ މުވައްޒަފުން ހަރަކާތްތެރިވާނެއެވެ.

އިންތިޚާބުގެ ވޯޓުލުން ނިންމައި، ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާއިރު، އެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ މާދަމާ ރޭ އެވެ.