ސްޕެއިންގެ ދެކުނުބިތުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި، މި ހިތާމަވެރި ޙާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ މިޙާދިސާއާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްޕެއިންގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
މީގެއިތުރުން، މި ޙާދިސާގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި ވެއެވެ.
މި މަހުގެ 28 ވަނަ ދުވަހު ސްޕެއިންގެ މެދުތެރޭގައި ދެ ހައި-ސްޕީޑް ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 69 މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ސްޕެއިންގައި ހިނގި މިފަދަ އެންމެ ހިތާމަވެރި އެއް ރޭލު އެކްސިޑެންޓެވެ. ރޭލުތައް ޖެހުނު ބާރުމިނުގައި ބައެއް ބޮގީތައް ކަހައިގެން ގޮސް އަޑިގަނޑަކަށް ވެއްޓުނުއިރު، އެއް ބޮގީގައި ވަނީ އަލިފާން ރޯވެފައެވެ. އެ ހާދިސާއިން ސަލާމަތްވި މީހުން ބުނި ގޮތުގައި، ގިނަ ފަސިންޖަރުންތަކެއް ކުނިބުނީގެ ދަށުގައި ތާށިވެފައި ވެއެވެ. އަދި ޒަޚަމްވި މީހުން އެހީއަށް އެދި ރޮއި އާދޭސްކުރަމުން ދިޔައިރު، އަނެއްބައި މީހުން ސަލާމަތްވުމަށްޓަކައި ދިޔައީ ކުޑަދޮރުތައް ތަޅަމުންނެވެ.
ސަލާމަތީ ޚިދުމަތްތަކުން ވަގުތުން އެ ސަރަޙައްދަށް ގޮސް، އެމްބިއުލާންސާއި ހެލިކޮޕްޓަރުގައި ޒަޚަމްވި މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.