މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އިތުރު މީހަކު 8 އަހަރާއި 9 މަހަށް ޖަލަށްލުމާއެކު، 6 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ޙުކުމްކޮށްފައިވަނީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓުގެ ޗީފް މެނޭޖަރުގެ މަޤާމުގައި ހުރި ސ. ފޭދޫ ވާރުގޭ މުޙައްމަދު އައިމަން އާއި އެފްއެސްއެމްގެ ބާޖު ދުއްވަން އުޅުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބްގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލީ ޚިޔާނާތްތެރިވުމުގެ ދަޢުވާ އާއި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދަޢުވާއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެ ދެ މީހުންގެ މައްޗަށް ދަޢުވާކުރީ ޖެނުއަރީ 2020 އިން ފެށިގެން އޮކްޓޫބަރު 2020 ގެ ނިޔަލަށް އެމްޕީއެލްއަށް ލިބިފައިނުވާ 700,000 އަށް ވުރެ ގިނަ ލީޓަރުގެ ޑީސަލް ލިބިފައިވާ ކަމަށް ސައްހަ ނޫން ލިޔެކިޔުން ތައްޔާރުކުރި ކަމުގެ ކުށުގައި ކަމަށެވެ. އެ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް 6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ އެފްއެސްއެމްއަށް ދައްކާފައެވެ.
އެގޮތުން ކޯޓުން ޙުކުމްކުރީ ޚިޔާނާތްތެރިވުމުގެ ކުށުގައި އައިމަން އާއި ސޮޖިބް ވެސް 8 އަހަރަށް ޖަލަށްލުމާއެކު، ސައްހަ ނޫން ލިޔުން އުފެއްދުމުގެ މައްސަލާގައި ކޮންމެ މީހަކު 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށެވެ. މީގެ އިތުރުން ގެއްލުނު 6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ބަދަލުގެ ގޮތުގައި ދެއްކުމަށްވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ހިޔާނާތުގެ މައްސަލައިގައި އައިމަން އެމްޕީއެލްގެ ވަޒީފާއިން 23 މާޗު 2021 ގައި ވަކިކުރުމުން، އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުލަށް ހުށަހެޅުމުން އެމްޕީއެލްގެ މައްޗަށް އަމުރުކޮށްފައި ވަނީ އޭނާއަށް ވަޒީފާދީ ބަދަލުދިނުމަށެވެ. ނަމަވެސް ހައިކޯޓުން ވަނީ ޓްރައިބިއުނަލުން ކުރި އަމުރު ބާތިލުކޮށް، އޭނާއަށް އެއް ރުފިޔާގެ ބަދަލެއް ދޭން ހުކުމްކޮށްފައެވެ.