ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު، އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން، 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.

މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިރުތިޝާމް އާދަމް އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މި މަޝްރޫއު ތަންފީޒުކުރާ ސަރުކާރުގެ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިއު އެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްރަށުގައި ކަސްރަތު ކުރުމުގެ ވަސީލަތްތަކާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ފުޅާކުރުމަކީ، ހަމަހަމަކަމާއެކު ތަރައްޤީ ފޯރުކޮށްދިނުމަށާއި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތްވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން މި އަހަރުގެ ޖުލައި މަހު 42 ރަށެއްގެ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ސާމާނު ހޯދުމަށް އެއްބަސްވުންތަކުގައި ސޮއިކުރެވި، އަމަލީ މަސައްކަތްތައް ހިނގަމުންދާއިރު، މިއަދު މިވަނީ އިތުރު ތިން ރަށެއް މި މަޝްރޫޢުގެ ތެރޭގައި ހިމަނާފައެވެ.

މީގެއިތުރުން، ރައީސް ޑރ. މުއިއްޒުގެ 'މޯލްޑިވްސް ފަސްޓް' ޚާރިޖީ ސިޔާސަތުގެ ދަށުން އިންޑިއާއާއެކު އޮންނަ ގާތް ގުޅުމުގެ ނަތީޖާއެއްގެ ގޮތުން، ގައުމީ އިސްކަންދޭ ކަންކަމުގައި ރައްޔިތުންނަށް އަމަލީ ގޮތުން ފައިދާކުރަނިވި ނަތީޖާތަކެއް ހާސިލުވަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ރާފިއުގެ ވާހަކަފުޅުގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ، އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ މުހިންމު މަރުކަޒުތަކަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާވެ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ހިތްވަރުގަދަކަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދެ ވަޒީރުންވެސް ވަނީ އިންޑިއާ ސަރުކާރުން ދެއްވަމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި އެހީތެރިކަމަކީ ދިވެހި މުޖުތަމައުތަކަށް ބޮޑެތި އެދެވޭ ބަދަލުތަކެއް ގެނުވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.