ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެ މެސެޖުގައި ރައީސް ވަނީ، ތުރުކީވިލާތުގެ ރައީސް އުރްދުޣާނަށާއި، އެ މަނިކުފާނުގެ ސަރުކާރަށާއި، ތުރުކީވިލާތުގެ ރައްޔިތުންނަށް، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މި މުނާސަބަތަކީ ތުރުކީވިލާތުގެ ވިލުންތެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ މުނާސަބަތެއް ކަމަށާއި މިއީ އެ ޤައުމުގެ ސިޔާދަތާއި، ތަރައްޤީ އާއި ޤައުމު އުފެއްދުމުގެ އަސާސްތައް ދެމެހެއްޓުމުގައި ޤަރުނެއް ކަޑައްތު ކޮށްފައިވާކަން ފާހަގަކުރެވޭ މުނާސަބަތު ކަމުގައިވެސް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. ރައީސްގެ މެސެޖުގައި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެފައިވާ ކަމަށާއި، އެއީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ދޭ އެއްބާރުލުމާއި، އެކުވެރިކަމަށް ދޭ އަހަންމިއްޔަތު ފާހަގަވެގެންދާކަމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ނޮވެމްބަރ 2026ގައި އަންތަލްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31ގެ ހައި-ލެވެލް ސެގްމެންޓް ބައްދަލުވުމުގައި ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނާއި ބައްދަލުވެވަޑައިގެން، އެބައްދަލުވުމުގައި ދެގައުމުގެ ދޭދޭ ގުޅުންތަކުގެ ކުރިއެރުން މުރާޖާ ކުރެވި، އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ފާހަގަކުރެވޭނެކަމުގެ އުއްމީދު އައުކުރައްވަމުންނެވެ.