ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމުމާ ގުޅިގެން، އެ ކައުންސިލްގެ ރައީސަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރަނީ އެމްޑީޕީ އާއި ޕީއެންސީން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިދިޔަ ޖުލައި މަހު 19 ވަނަ ދުވަހު ޝުޖާއުގެ ގޮނޑިގެއްލިފައިވާ ކަމަށް އެލްޖީއޭ އިން ނިންމުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ މި މަހު 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

އީސީން މިއަދު ވަނީ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އެ މުއްދަތުގައި ކުރިމަތިލީ މެންބަރުންގެ ނަން އިއުލާނުކޮށްފައެވެ.

އެގޮތުން އެމްޑީޕީގެ ކެންޑިޑޭޓު، ވ. ތިނަދޫ، ދިލްބަހާރުގެ، ޝުޖާއު އަލީ އަށް ނަންބަރު އެކެއް ދީފައިވާއިރު، ޕީއެންސީގެ ކެންޑިޑޭޓު، ވ. ތިނަދޫ، ނަޔާ، އަހުމަދު އަމަން މުހައްމަދު އަށް ދީފައިވަނީ ކެނޑިޑޭޓު ނަންބަރު 2 އެވެ.

ކައުންސިލްގެ ރައީސް ހޮވުމުގެ އިތުރުން ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ހޮވުން ވެސް އެ ދުވަހު އޮންނާނެއެވެ.

އީސީން ބުނީ އަންހެނުން ކޮމިޓީގެ މެމްބަރު ކަމަށް ވާދަކުރާ ކެންޑިޑޭޓުންނަކީ އަމިއްލަގޮތުން ވާދަކުރާ، ވ. ތިނަދޫ، ނަޔާ، ޒީނާ އަހުމަދާއި އެމްޑީޕީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓް، އެ ރަށު ހަތާ، ރިސްފާ ނަސީމް ކަމަށެވެ.