ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ސާބިތުވެ، ދިވެހި ފިރިހެނަކު 18 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ ޖަލަށް ލާން ހުކުމްކުރީ ހއ. ހޯރަފުށި، ހުދުހުދާގެ، މުޙައްމަދު ނާއިޝް އާދަމްގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާގައި ބަޔާންކޮށްފައިވަނީ ޖޫން 2025 އިން ފެށިގެން އެކި ދުވަސްމަތިން ތިން އަހަރުގެ ކުޑަކުއްޖަކަށް އޭނާ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ. މި މައްސަލަ ޝަރީޢަތަށް ހުށަހަޅާފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު 14 ގައެވެ.
މި މައްސަލަ ބެލުމަށްފަހު، ހޯމަ ދުވަހު ކޯޓުން ކުރި ޙުކުމުގައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން 20 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައެވެ.
ނަމަވެސް، ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މުއްދަތުން ޖަލު އަދަބުގެ މުއްދަތު ކެނޑުމުން، އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ 18 އަހަރާއި، ހަތް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.