ސަރުކާރުން ކުރިއަށްގެންދާ "ވިޒިޓް މޯލްޑިވްސް އިޔަރ" އިސްނެގުމާއެކު، އަންނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.28 މިލިއަނާއި 2.5 މިލިއަނާ ދެމެދުގެ އަދަދަކަށް މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން އިއްވެވި ބަޖެޓު ބަޔާނުގައި ވަޒީރު ވިދާޅުވީ، 2025 ވަނަ އަހަރު ރެކޯޑު އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، މި އަހަރުގެ ފުރަތަމަ ދެ މަހުގައި އަންނާނެކަމަށް ކުރިން ލަފާކުރި މިންވަރަށްވުރެ އިތުރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ކަމަށެވެ.
އެހެންނަމަވެސް ފެބްރުއަރީ މަހުގެ ފަހުކޮޅުގައި މެދުއިރުމަތީގައި ފެށުނު ހަނގުރާމައާއެކު، ދުނިޔޭގެ ވިޔަފާރިއާއި ދަތުރުފަތުރަަށް ބޮޑެތި ލޮޅުންތަކެއް ކުރިމަތިވެ، ބައިނަލްއަގުވާމީ ބާޒާރުގައި ތެޔޮ ވިއްކާ އަގު އިންތިހާއަށް އުފުލި، އެއާލައިންތަކުގެ ދަތުރުތައް މަދުވުމުގެ އަސަރު ސީދާ ގޮތުން ދިވެހިރާއްޖޭގެ އިގުތިސާދަށް ފޯރިކަމުގައި ވަޒީރު ވިދާޅުވިއެވެ. ހާއްސަކޮށް ރާއްޖޭގެ އިގުތިސާދުގެ މައިބަނދަކަމުގައިވާ ފަތުރުވެރިކަމަށް އެކަންކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ފޯރިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، 2027 ވަނަ އަހަރަށާ، އަދި މެދުރާސްތާއަށް ފިސްކަލް ސިޔާސަތުތައް ބައްޓަންކުރާނީ، ރާއްޖޭގެ އިޤްތިޞާދީ އޮއިވަރު ހިނގާގޮތާއި، ފިސްކަލް ހާލަތަށް ފުންކޮށް ބަލައި ދިރާސާކުރުމަށްފަހުގައި ކަމަށެވެ.
ވަޒީރު ވިދާޅުވީ، މި އަހަރު ކުރިމަތިލާންޖެހުނު އިގުތިސާދީ ގޮންޖެހުންތަކުގެ ސަބަބުން، މި ގައުމުގެ އިގުތިސާދީ ދުވެލި ބޮޑުތަނުން ދަށްވެ، 2026 ވަނަ އަހަރުގެ އިގުތިސާދީ ދުވެލި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 0.6 އިންސައްތައާ 1.8 އިންސައްތައާ ދެމެދުގައި ކަމަށެވެ.
އެހެން ނަމަވެސް، ހަނގުރާމައިގެ ކުރީގެ ހާލަތަށް ރުޖޫއަވެ، 2027 ވަނަ އަހަރު އިގްތިސާދީ ދުވެލި 3.9 އިންސައްތައާ 6.8 އިންސައްތައާ ދެމެދުގެ ހަލުވިމިނެއްގައި ކުރިއަރައިގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 1.0 އިންސައްތައިގައި ހުންނާނެކަމަށް ބެލެވޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ދައުލަތުގެ ރަސްމީ ރިޒާވަށް ބަލާއިރު، މިއަހަރުގެ ނިޔަލަށް 817.7 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި 2027 ވަނަ އަހަރު ރިޒާވް ހުންނާނެ ކަމަށް އަންދާޒާކުރެވެނީ 907.2 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.