2027 ވަނަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް 4.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މާލީ ވުޒާރާގެ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއްވެ.

2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން އިއްވެވި ބަޖެޓު ބަޔާނުގައި ވަޒީރު ވިދާޅުވީ، މި އަހަރަކީ ދިވެހިރާއްޖޭގެ މާލީ ތާރީހުގައިވެސް، ދިވެހި ރައްޔިތުން އުފުލަން ޖެހިފައި އޮތް ބޮޑު ދަރަނީގެ ބުރައިން ރައްޔިތުން މިންޖުކުރުމަށްޓަކައި، ދައުލަތުގެ ބަޖެޓުން ރެކޯޑް އަދަދަކަށް ހޭދަކުރި ތާރީހީ އަހަރެއް ކަމަށެވެ.

އެގޮތުން ފާއިތުވި ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަންޖެހޭ ވަގުތު އައިސް ޖެހުނުއިރު، މި ސަރުކާރު އޮތީ އެކަމަށް ހުށިޔާރުވެ، ވާންޖެހޭ ފުރިހަމަ ތައްޔާރީތައް ވެގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް 10.4 ބިލިއަން ރުފިޔާ މި ސަރުކާރުން ދަރަނީގެ ގޮތުގައި އަނބުރާ ދައްކާފައިވަނީ ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ދައުލަތުން އެކަމަށް އިތުރު ދަރަންޏެއް ނެގުމެއް ނެތި އަދި މިއަހަރުގެ ނިޔަލަށް ޖުމުލަ 11.7 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

"މި ދަރަނިތައް ދައްކައި ހަލާސްކުރުމުން، މި އަންނަ އަހަރު ސަރުކާރުން ދަރަނި ދެއްކުމަށް ހޭދަކުރަންޖެހޭ މިންވަރުވަނީ ދަށްކުރެވިފައި. މިގޮތުން، 2027 ވަނަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް 4.5 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް އަންދާޒާކުރެވޭ. މިއީ، މުސްތަޤުބަލުގެ ޖީލުތަކަށް ދަރަނީގެ ބުރަ ކުޑަކުރުމަށް ސަރުކާރުން އެޅި މުޙިއްމު ފިޔަވަޅެއް."

ވަޒީރު ހަސަން ޒަރީރު

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ދަރަނި ދެއްކުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ފޮނިމީރު ނަތީޖާއަކަށް ވެގެންދިޔައީ، ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ އިތުބާރު ގާއިމުކޮށް އަދި ރޭޓިންގް އޭޖެންސީތަކުން ރާއްޖެއަށް ދީފައިވާ ރޭޓިންގ މަތިކުރުން ކަމަށެވެ. އަދި މިއީ މާލީ ގޮތުން މި ގައުމު ހޯދި މުހިއްމު ކާމިޔާބެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.