ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދަން ސަރުކާރުން ނިންމާފައިވާ މޯލްޑިވްްސް ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއަކީ ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށާއި، އެކަމުން ރައްޔިތުންނަށް ވާނީ ފައިދާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސަރވީސް މީޑިއާ (ޕީއެސްއެމް)އިން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އީގަލް ހިލްސް މަޝްރޫއު ފަދަ ރިއަލް އެސްޓޭޓް މަޝްރޫއުތައް ރެގިއުލޭޓުކުރުމަށްޓަކައި ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ ކަމަށެވެ. އަދި އެ ބިލުގެ މަސައްކަތް ކުރިއަށްގެންދާއިރު ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ މަޖިލީހުން ހޯދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަންދޫބުން ތިއްބަަވަނީ ރައްޔިތުންގެ މަޖިލީހުގައި ކަމަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އެއްބަސްވުން ފޮނުވުމަކީ ރައްޔިތުންނާ އެއްބަސްވުން ހިއްސާކުރުން ކަމަށެވެ. އަދި މަޖިލީހުން ކަނޑައަޅާ ދާއިމީ ކޮމިޓީއަކަށް އީގަލް ހިލްސްއާއި ސަރުކާރުގެ މެދުގައި ގާއިމުކުރާ އެއްބަސްވުން ފޮނުއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

" މި މަޝްރޫއަކީ ހަގީގަތުގަ އެއްވެސް ވަރަކަށް ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން. ރައްޔިތުންނަށް މީގަ އޮތީ ފައިދާ މުޅިން ވެސް. މީގަ ކުރު ގޮތަކަށް ދަންނަވަންޏާ ރިސޯޓެއްގަ ކަންކަން އޮންނަ ފުޅާ މިނައްވުރެންވެސް ލިމިޓެޑް. ލިމިޓެޑު ވާގޮތަކީ މި ތަނުގަ ރަލެއް ނުވިއްކޭނެ. ރަލެއް ނުބޮވޭނެ. އޫރުމަހެއް ނޯނާނެ. މިތަނުގަ ފަސް ވަގުތު ބަނގި ގޮވާނެ މިސްކިތް ހުންނާނެ."

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް އިތުރަށް ވިދާޅުވީ، ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވައިލުމަށް ބައެއް ސިޔާސީ ވެރިން ދައްކަވާ ވާހަކަފުޅަށް ސަމާލުކަން ނުދެއްވާ ކަމަށެވެ.

އެގޮތުން އެމަނިކުފާނު ބޭނުންފުޅުވަނީ ކަންކަމުގެ ދެފަރާތް ބަލައި ހަގީގަތްތައް ހޯދުމަށް މަސައްކަތްކުރާ ރައްޔިތުންނަށް ކަންކަން ހާމަކޮށް އެ ރައްޔިތުންނަށް ތެދުދޮގު ބަޔާންކޮށްދެއްވަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.