ރާއްޖޭގައި މިވަގުތު ލިބެން ނެތް ރޭޑިއޭޝަން ތެރަޕީގެ ހިދުމަތް ދެވޭނެ ހާއްސަ ޗެމްބަރަކާއެކު، ކެންސަރު ބަލީގެ ފަރުވާއަށް ހާއްސަ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތާއި އިންޑިއާގެ ކުންފުންޏެއް ގުޅިގެންނެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމެވެ. އަދި މަޝްރޫއު ހަވާލުކުރި ކޮންޓޮމް ހައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އެންޑް ޑިރެކްޓަރ ޗިމްޓަން ސޯނީއެވެ.
މި ރަސްމިއްޔާތުގައި ސިއްހީތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީގެ އިތުރުން އެ ވުޒާރާގެ އިސްބޭފުޅުންނާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވީ، މި މަރުކަޒުގެ ސަބަބުން ކެންސަރު ބައްޔަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ މިންވަރު މަދުވެ، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރާއްޖޭގައި ޤާއިމުވެގެންދާނެ ކަމަށާއި، މިއީ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.
ބައެއް ހޮސްޕިޓަލްތަކުން މިހާރުވެސް ކެންސަރުގެ ބައެއް ފަރުވާތަކާއި ކީމޯ ތެރަޕީގެ ފަރުވާ ދެމުންދާކަން ފާހަގަކުރައްވައި، ސީއީއޯ ވިދާޅުވީ، ރޭޑިއޭޝަން ތެރަޕީ، ނިއުކްލިއާރ މެޑިސިން، ޕެޓްސީސީޓް ފަދަ މުހިންމު ފަރުވާތައް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި އަދި ނެތް ކަމަށެވެ.
އެގޮތުން ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހުމަކީ އާއިލާތަކަށް މާލީ އަދި ނަފްސާނީ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާ ކަމެއް ކަމުގައި ސީއީއޯ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސީއީއޯ ވިދާޅުވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ އެކި މަރުޙަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް 2028 ވަނަ އަހަރާ ހަމައަށް އެއްކޮށް ނިންމައި، ހިދުމަތް ދޭން ފެށުން ކަމަށެވެ.