ހުޅުމާލޭގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ދެއްކި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އަޅުވާފައި ހުރިކަމުގެ މައުލޫމާތު ރޭ ދަންވަރު 03:23 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މިފަދަ މަންޒަރެއް ޑިސްޕްލޭވުމަށް ދިމާވި ސަބަބު ފުލުހުން ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.
އެ ފޮޓޯގައި ލިޔެފައިވާ ގޮތުން އެކަން ކުރީ ސިސްޓަމް ހެކް ކޮށްގެންނެވެ.