ރަސްމާލެ ހިމެނޭ ގޮތަށް ރާއްޖޭގައި ހިންގާ ބޭރުގެ ބޮޑެތި އިންވެސްޓްމަންޓް މަޝްރޫއުތަކުގެ ގާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް އެކުލަވައިލުމުގައި ހައްސަ ސަމާލުކަމެއް ދޭންޖެހޭ މުހިންމު 8 ކަމެއް ފާހަގަކޮށް، ޖަމްއިއްޔަތުއްސަލަފުން ސަރުކާރަށް އިލްތިމާސެއް ހުށަހަޅައިފިއެވެ.

ސަލަފުން ބުނީ، ރަސްމާލެ މަޝްރޫއާއި ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއެކު ބައްދަލުވުންތައް ބާއްވައިގެންނާއި، އަދި އެހެނިހެން ގޮތްގޮތުން ހޯދި މައުލޫމާތުތަކުން އެނގުނު ގޮތުގައި، މި މަޝްރޫއަކީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން، ދިވެހި ދައުލަތުގެ މިލްކުވެރިކަން ދެމިއޮންނަ ގޮތަށް، ރިއަލް އެސްޓޭޓް އުސޫލުން ތަރައްގީކޮށް އިންވެސްޓްކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރުގެ މުއްދަތަށް ދޫކުރުމަށް ރޭވިފައިވާ މަޝްރޫއެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެ ޖަމިއްޔާގެ އިލްތިމާސްގައި ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، އިސްލާމީ ޝަހުސިއްޔަތާއި ގައުމީ ސިޔާދަތު ހިމާޔަތްކުރުމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިރާޖީ މިނިވަންކަން ހިމާޔަތްކުރުމާއި، އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުމާއި، ދިވެހިރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭނެ އިގްތިސާދީ ތަރައްގީއަކަށް އަމާޒުހިފުމާއި، ދެފުށްފެންނަ، ހާމަކަން ބޮޑު ސިޔާސަތެއް ގާއިމުކުރުމާއި، ހުޅުވާލެވިފައިވާ އިގްތިސާދަކާއި ގައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމާއި، ދާއިމީ މޮނިޓަރިންގ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން އިޖްތިމާއީ އަސަރުތައް ވަޒަންކުރުން ހިމެނެއެވެ.

އެގޮތުން ދިވެހިރާއްޖޭގައި ހިންގާ އިންވެސްޓްމަންޓްތަކުގައި ގައުމުގެ އިސްލާމީ ވަންތަކަމާއި، ޤައުމީ ސިޔާދަތު ޙިމާޔަތްކުރުމަށާއި، ދިވެހިރާއްޖޭގައި ހިންގޭ މިފަދަ މަޝްރޫޢަކުން، ފަލަސްޠީނުގެ މުޤައްދަސް ބިންތައް ފޭރިގަނެ، ޒަޔަނިސްޓް އިސްތިއުމާރެއްގެ ދަށުން ޤާއިމުކޮށްފައިވާ އިސްރާއީލްގެ ރައްޔިތަކަށް ފުރުސަތު ނުދިނުމަށް ސަލަފުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އަދި އެއްބަސްވުންތައް ދެފުށް ފެންނަ ގޮތެއްގައި ހާމަކޮށް، ރައްޔިތުންގެ މަޝްވަރާއާއެކު، އިސްލާމީ އަދި އިޖުތިމާޢީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބާކަން މޮނިޓަރކޮށް، ގައުމީ މަސްލަހަތު އެންމެ އިސްކޮށް ރައްކާތެރި ކުރެވޭނެހެން މަޝްރޫޢުގެ އެއްބަސްވުންތަކާއި ޤާނޫނީ އޮނިގަނޑު ފަރުމާ ކުރުމަށް ސަލަފުން ވަނީ އިލްތިމާސްކޮށްފައެވެ.

ސަލަފުން ބުނީ، ރަސްމާލޭގެ މަޝްރޫއުގެ ހަގީގީ ތަސައްވުރު ޔަގީންވެގެންދާނީ މަޝްރޫއުގެ އެއްބަަސްވުން އެކުލަވާލެވި، ކަމާބެހޭ ގާނޫނު ވުޖޫދުވުމުން ކަމަށެވެ.