ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމަށްޓަކައި، "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަން ނިންމެވިކަން ހާމަކުރައްވައި، މީގެ ސަބަބުން ޚިދުމަތް ދިނުން ހަލުވިވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސިއްޙީ ދާއިރާ ތަރައްޤީކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އަތޮޅު ހޮސްޕިޓަލްތަކާއި ރަށު ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށާއި، މީގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް، އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އަތޮޅަކުން ލިބޭނެ މަގު ފަހިކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޞިއްޙީ ބޭނުންތަކަށްޓަކައި ބޭރަށްކުރަންޖެހޭ ދަތުރުތައް މަދުކުރުމުގެ މަސައްކަތްތައްވެސް ހަލުވި ދުވެލީގައި ކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި މޭރުމުން، ސިއްޙީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކޮށް، އަދި ޚަރަދުތައް ކުޑަކުރެވޭ އުސޫލަކުން ކަންކަން ކުރެއްވުމަށްޓަކައި، "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަން ނިންމެވީ ކަމަށާއި، މި ބަދަލާއެކު ސިއްޙީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި، ހިންގުމުގެ ހަރުދަނާކަން އިތުރުވެގެންދާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އައު ގްރޫޕުގެ ދަށުން، ސަރުކާރުގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކާއި، ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ވިއުގައަކުން ގުޅާލެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ މައިގަނޑު ބޭނުމަކީ އެއް ހޮސްޕިޓަލާއި އަނެއް ހޮސްޕިޓަލާ ދެމެދު ވަސީލަތްތައް ޙިއްޞާކުރުމާއި، އެއް ތަނުން އަނެއް ތަނަށް ޑޮކްޓަރުންގެ ފަންނީ ޚިދުމަތުގެ ބޭނުން ކުރެވޭނެ ގޮތްތައް ފަސޭހަކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުންކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އަންނަ ނޮވެމްބަރު މަހުން ފެށިގެން 3 މަސް ނުވަތަ އެންމެ ގިނަވަގެން 4 މަސްދުވަހުގެ ތެރޭގައި އައު ނިޒާމުގެ ދަށުން ހޮސްޕިޓަލުތައް ގުޅާލެވޭނެ ކަމަށެވެ.
މީގެ އިތުރުން މިއީ މުވައްޒަފުންތަކެއް އިތުރުކުރެވޭނެ މަޝްރޫޢެއް ނޫންކަމަށާއި މި ބަދަލާއެކު، ސަރުކާރު ޚަރަދުގައި ތަޢުލީމު ހާސިލުކުރާ ޑޮކްޓަރުންގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ އުސޫލުތައް ގާއިމުކުރެވި، ޚާއްޞަ ދާއިރާތަކުން އެންމެ މަތީ ފަންތީގެ ޚިދުމަތްތަކަށް ޚާއްޞަ ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ޤާއިމުވެ ތިބެގެން ޚިދުމަތް ފޯރުކޮށްދިނުން ފަދަ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެ ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.