ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ފެށިގެންދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ކަމަށާ، ކުރިއަށް އޮތް 2 އަހަރު ދުވަހަކީ، ތާރީޚު ދެކެފައި ނުވާ މިންވަރަށް، ދިވެހި ރައްޔިތުންނަށް ފުރަތަމަ ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްމް)އިން ގެނެސްދެއްވާ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، އަދި އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީވެސް ކޮންމެ ދިވެހި ރައްޔިތަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުން ކަމަށެވެ. އެގޮތުން މި ވަގުތު ކުރިއަށްދާ އެންމެ ބޮޑު މަޝްރޫޢު، ރަސްމާލޭގައި ކުރިއަށްގެންދެވޭ ތަރައްޤީގެ މަޝްރޫޢުގެ ސަބަބުން، ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއްނެތް ކަމަށާއި، މިކަމުގައި އޮތީ ފައިދާކަމުގެ ޔަޤީންކަން ރައީސް ތަކުރާރުކުރައްވާފައި ވެއެވެ.
އެ މަޝްރޫޢު ކުރިއަށްގެންދާ ގޮތާމެދު ރައްޔިތުންގެ ހިތުގައި ފިތުނައާއި ބިރުވެރިކަން އުފެދޭ ގޮތަށް، ދެކެވޭ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތްކަން ހާމަކުރައްވައި، އިޒްރޭލާ ދެކޮޅަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުން މިސާލު ޖައްސަވަމުން، އެކަން އެގޮތަށް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރަސްމާލޭގައި ބޭރުގެ ފަރާތަކުން އިންވެސްޓްކުރުމުގެ ސަބަބުން ތަރައްޤީ އިތުރަށް ކަށަވަރުވެގެންދާ މަގުތައް ބަޔާންކޮށްދެއްވަމުން ރައީސް ވަނީ، މިފަދަ މަޝްރޫޢެއްގެ ސަބަބުން، ދިވެހިރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ ފުރުޞަތު ހަނިވެގެން ނުދާނެކަމުގެ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ. އަދި ރަސްމާލެއިން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ހުރިހާ ގިންތިއަކުން ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ޔަޤީންކަން އެބައޮތްކަންވެސް، ރައީސް ވަނީ ވިދާޅުވެފައެވެ.
މި ފަދަ ބިޔަ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ބޮލުގައި އެއްވެސް ދަރަންޏެއް ނޭޅޭނެ ފަދަ އީޖާދީ އުޞޫލުތަކެއްގެ ދަށުންކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ފިއުޗަރ ރެވެނިއު ބޭނުންކޮށްގެން ނުވަތަ ބިން ދޫކުރާ އުޞޫލުން އިންވެސްޓަރުން ލައްވާ ކުރިއަށްގެންދާ މި މަސައްކަތްތަކަކީ ސީދާ ރައްޔިތުންނަށް އޭގެ ހެޔޮ ލާބަޔާއި މަންފާ ލިބޭނެ ކަންތައްތަކެއް ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.