ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފެށިފައިވާ މަޝްރޫޢުތަކުގެ ތެރެއިން މަދުވެގެން 70 އިންސައްތަ މަޝްރޫޢު އެއްކޮށް ނިންމައި ޙަވާލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވީސް މީޑިއާ (ޕީއެސްއެމް)އިން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ރައީސް ވަނީ ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކޮށްފައި ވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް އިސްކަންދީގެންކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ މި އަހަރު ފެށިގެން އައިއިރު ރެކޯޑް މިންވަރަކަށް ގްރޮސް ރިޒާވް އަދި ޔޫސަބަލް ރިޒާވް އިތުރުކުރެވިފައިވާ ކަމަށާއި ހަމަމިއާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ބަޖެޓުގެ ދަރަނި ކުޑަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމާއި، ފިސްކަލް ޒިންމާދާރުކަން އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢެއްގެ ސަބަބުން ބަޖެޓަށް ދަރަނި ބޮޑުވެގެން ނުދާނެކަމުގައި ވިދާޅުވެ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ބޯހިޔާވަހިކަމުގެ މަޝްރޫޢަކީވެސް މިފަދަ ގޮތަކަށް ކުރިއަށްގެންދެވޭ ކަމެއްކަން ފާހަގަކުރައްވާފައެވެ. މިގޮތުން، ރަސްމާލެ މަޝްރޫޢަށް ގެންނަ އިންވެސްޓްމަންޓަކީ ސަރުކާރުގެ ބޮލުގައި އިތުރު ދަރަންޏެއް ނުވަތަ ލޯނެއް އެޅޭނެ ކަމެއް ނޫންކަން ކަށަވަރުކޮށްދެއްވަމުން، އެ މަސައްކަތް ކުރިއަށްގެންދަނީ ފިއުޗަރ ރެވެނިއު (މުސްތަޤުބަލުގައި ލިބޭނެ އާމްދަނީ) އިން ކެނޑޭ ގޮތަށް ކަމަށްވާތީ، ދައުލަތުގެ ބަޖެޓަށް އޭގެ ސަބަބުން ބުރައެއް އުފުލަން ނުޖެހޭނެކަންވެސް ރައީސް ކަށަވަރުކޮށްދެއްވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ޓެކްސް އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް، ކަންކަން މެނޭޖްކޮށްގެން ބަޖެޓުގެ ތެރެއިން މަޝްރޫޢުތައް ކުރިއަށްގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.