ނޫސްވެރިންތަކަކަށް ކުރިމަތިކުރުވާ ފުރައްސާރައިގެ މައްސަލަތައް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، އެ ނޫސްވެރިންނަށް ފުލުހުންގެ ރައްކާތެރިކަން ހަމަޖައްސައިދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިއްޖެއެވެ.
ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭ އިން ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ މަޝްރޫއާ ގުޅޭ މައުލޫމާތު ދިނުމަށް ނޫސްވެރިންތަކެއް ދުބާއީއަށް ގެންގޮސްފައިވާތީ، ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އެ ނޫސްވެރިންނަށް ނިސްބަތްކޮށް ފުރައްސާރަކުރަމުންދާ ކަމަށާއި، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އެ ނޫސްވެރިންގެ ފޮޓޯ ޖަހައި، ޔަހޫދީންގެ ގޮތުގައި ސިފަކުރަމުން އަންނަ ކަމަށެވެ. އަދި އެއީ ގައްދާރުން ކަމަށް ބުނެ އެކި ބަސްތައް ރައްދުކުރަމުން އަންނަ ކަމަށާއި އެ ނޫސްވެރިންނަށް އަމާޒުކޮށް އެކި ވީޑިއޯތައް ތައްޔާރުކޮށް، އެ މީހުނާ ދެކޮޅު ކެމްޕޭންތައް ހިންގަމުންދާ ކަމަށް އެމްޖޭއޭ އިން ބުނެއެވެ. އެމްޖޭއޭގެ ސިޓީގައި ވަނީ އެ ނޫސްވެރިންނަށް ފުރައްސާރަކޮށް ރައްދުކޮށްފައިވާ ބައެއް ބަސްތައް ހިމެނޭ ސްކްރީންޝޮޓްތައް ވެސް ހިއްސާކޮށްފައެވެ. އެމްޖޭއޭ އިން ބުނީ ދުބާއީގައި ހަބަރުތައް ގެނެސްދޭ ގޮތުން ވެސް ބައެއް ފަރާތްތަކުން ފުރައްސާރަތައް ކުރިމަތިކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އެ ނޫސްވެރިޔަކު މަސައްކަތްކުރާ މީޑިއާއެއްގެ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރަމުންދާ އިރު، މިފަދަ ފުރައްސާރަތައް ކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަންހާމަކޮށް، އެކަމާ މެދު އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިގޮތުން މިކަންކަމުގެ ސަބަބުން އެ ނޫސްވެރިންނާއި އެ މީހުންގެ އާއިލާތަކުގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، ނުރައްކާތަކަކާ ކުރިމަތިވަމުންދާ ކަމަށާއި، ދަތުރުގެ ކުރިން ވެސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ނޫސްވެރިންނަށް ފުރައްސާރަކުރާ މައްސަލަތައް ގިނަކަން އެ ޖަމިއްޔާއިން ސީޕީއަށް ފޮނުއްވި ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.
އެމްޖޭއޭ އިން ވަނީ ޔޫއޭއީގެ މި ދަތުރާ ގުޅިގެން ނޫސްވެރިންނަށް ކުރިމަތިކުރުވާ ފުރައްސާރައިގެ މައްސަލަތައް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި އެ ނޫސްވެރިންގެ ސެކިއުރިޓީ އެސެސްމަންޓެއް ހަދައި ފުލުހުންގެ ރައްކާތެރިކަން ހަމަޖައްސައިދިނުމަށް އެދިފައެވެ.