ވަކި ދީނަކަށް ނުވަތަ ވަކި ގައުމަކަށް ވީތީ ނަފްރަތު އުފައްދައި ގެއްލުންދިނުމާއި، ދައުލަތަށް ޣައްދާރުވުމަކީ ކުށެއް ކަމަށް ބަޔާންކޮށް ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް އަނބުރާ ގެންގޮސްފިއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުމާއެކު، މިއީ ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް އިން ހިންގަން އުޅޭ ބިޔަ މަޝްރޫއަށް ފަހިކުރުމަށް ގެންގަން އުޅޭ ބަދަލުތަކެއް ކަމަށް ބުނެ އެ ބިލަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ދިޔައީ އަމާޒުވަމުންނެވެ.
އެ ބިލު ހުށަހެޅުއްވި ސަބަބެއްކަމަށް ބުނެފައި ވަނީ، ރާއްޖެއިން ބައިވެރިވެފައިވާ ގަތުލު އާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ގަތުލު އާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅުމެވެ. އަދި އެ ބިލުގައި ވަނީ އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ ކުށަށް ކަނޑައަޅާފައިވާ އަދަބު ބޮޑުކުރުމަށްޓަކައި އެ ގާނޫނަށް އިސްލާހުތައް ގެންނަން ޖެހޭ ކަމަށް ބުނެފައެވެ.
އެ ބިލުގައި ޤާނޫނުލްޢުޤޫބާތަށް 630 ވަނަ ބާބު އިތުރުކުރުމަށް ހުށަހަޅާފައިވާއިރު، އެ ބާބުގައި އިޤްތިޞާދީ ރައްކާތެރިކަމަށް ގެއްލުންހުރި ޢަމަލުކުރުމުގެ ކުށް ތަފްޞީލުކޮށްފައިވެއެވެ. ދައުލަތުގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި ޤަޞްދުގައި މުހިންމު ޢުމްރާނީ ވަސީލަތަކަށް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމަކަށް ގެއްލުންދިނުމާއި، އަސާސީ ޚިދުމަތެއް މެދުކަނޑުވާލުން ނުވަތަ އެފަދަ ނިޒާމެއް ހިންގުމަށް ހުރަސްއެޅުމަކީ ކުށެއް ކަމަށްވާއިރު، ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާއެއްގެ ހިންގުން ހުއްޓުވާލުމަށް އެއްވެސް ޢަމަލެއް ކުރުމާއި، އެ ޢަމަލެއްގެ ސަބަބުން އިޤްތިޞާދަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ އެއީ ކުށެއް ކަމަށް ބުނެފައިވެއެވެ. އަދި މުހިންމު ޢުމްރާނީ ވަސީލަތްތައް މާނަކޮށްފައިވަނީ ފެނާއި، ކަރަންޓާއި، ދަތުރުފަތުރާއި، މުވާސަލާތީ ޚިދުމަތްތައް ފަދަ އަސާސީ އަދި ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ މުދަލުގެ ގޮތުގަ އެވެ. ބޮޑު އިޤްތިޞާދީ ގެއްލުމެއް ލިބުން ކަމަށް ބަލަނީ ދައުލަތުގެ އިޤްތިޞާދީ މަޞްލަޙަތަށް ލިބޭ ގެއްލުމެއްގެ ސަބަބުން އިޤްތިޞާދީ ޙަރަކާތްތަކަށް ބުރޫއެރުމަށް ނުވަތަ މާލީ އަދި އިޤްތިޞާދީ ހަމަޖެހުން ދަށްވުމަށެވެ.
މިގޮތުން އެ ކުށުގެ އަދަބު ދަރަޖަކޮށްފައިވާ ގޮތަށް ބަލާއިރު، ދައުލަތް ނުވަތަ ސަރުކާރު ހިންގުމުގެ އިސް މަޤާމެއްގައި ހުރި މީހަކު މިފަދަ ޢަމަލެއް ކޮށްފިނަމަ އެއީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ. ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށަކަށް ކަނޑައެޅޭ އަސާސީ އަދަބަކީ 6 އަހަރަށް ޖަލަށްލުމެވެ. އަދި ކުށް ސާބިތުވާ ޙާލަތަށް ބަލައި ކުށުގެ އަދަބު 15 އަހަރަށް އިތުރުކުރެވޭއިރު، ލުއި ދެވޭ ޙާލަތްތަކުގައި 3 އަހަރަށް އަދަބު ކުޑަކޮށް، 1،000،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ އިޚްތިޔާރު ވެސް ލިބިދެއެވެ.
އާންމު ޙާލަތްތަކުގައި އިސް މަޤާމެއްގައި ނެތް މީހަކު މި ކުށް ކޮށްފިނަމަ ބެލެވޭނީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަމަށާއި މި ދަރަޖައިގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ. އަދި އެންމެ ބޮޑު އަދަބެއްގެ ގޮތުގައި 8 އަހަރަށް ޖަލަށްލެވޭއިރު، އަދަބު ލުއިކުރެވޭ ޙާލަތްތަކުގައި އެ މުއްދަތު 1 އަހަރާއި 7 މަހާއި 6 ދުވަހަށް ކުޑަކުރެވިދާނެއެވެ. އަދި 400،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ފުރުޞަތު ވެސް ލިބިދީފައި ވެއެވެ.