އަސާސީ ކާބޯތަކެތި ރާއްޖެއަށް އެތެރެކުރުމާއި، މަސް އެކްސްޕޯޓު ކުރުން ހިމެނޭހެން ވިޔަފާރީގެ އިތުރު ދާއިރާތަކަކުން ޗައިނާގެ ކުންފުންޏަކާއި ރާއްޖެއާ ދެމެދު 5 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
"ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް"ގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯޔޫގައި ސޮއިކުރެއްވީ މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އަދި ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯ އެވެ.
މި އެއްބަސްވުމުގެ ދަށުން މަސް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މިފްކޯއިން ހަރަކާތްތެރިވާއިރު ސައިނޯމެކް ހައިނާންގެ ޒިންމާ އަކީ ޗައިނާގެ ބާޒާރުން ފުރުސަތުތައް ހޯދުމެވެ. މިފްކޯއިން ބުނީ އެ އެމްއޯޔޫގެ ދަށުން ޗައިނާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދެނެގަނެ، މަސް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސަން ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އޭގެ ތެރޭގައި އުފެއްދުންތަކުގެ ފެންވަރާއި ބަންދުކުރުމާއި ލޮޖިސްޓިކްސް އަދި ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓުކުރުމުގައި ފުރިހަމަވާންޖެހޭ ގާނޫނީ ކަންކަން ހިމެނޭ ކަމަށް މިފްކޯ އިން ހާމަކުރެއެވެ.
އެ ކުންފުންޏާއެކު މިފްކޯ އިން އެކުލަވާލި އެއްބަސްވުންތަކުގެ ތެރޭގައި އިޤުތީޞާދީ މަސައްކަތްތަކުގައި ގުޅުން ބަދަހިކޮށް އެހީތެރިކަން ދިނުމަށް، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ޗައިނާގެ ސަންޔާ މުނިސިޕަލް ބިއުރޯ އޮފް ކޮމާސް، ދަ ސަންޔާ އިންވެސްޓްމަންޓް ޕްރޮމޯޝަން ބިއުރޯއާއި ދެމެދު އެއްބަސްވުން ޤާއިމުކުރުން ހިމެނެއެވެ. އަދި ދިރާސާ ކުރުމާއި، އީޖާދީ މަސައްކަތްތަކާއި ތަމްރީން ދިނުމާއި، ދަނޑުވެރިކަމާ ގުޅޭ ޑެމޮންސްޓްރޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ދެމެދު ޤާއިމުކުރި އެއްބަސްވުމާއި، ގަނޑުކުރި މަސް ބޭރު ކުރުމަށް މިފްކޯއާއި ޗައިނާގެ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ވެފައިވާ އެއްބަސްވުންވެސް ހިމެނެއެވެ.
މީގެ އިތުރުން އަސާސީ ކާބޯތަކެއްޗާއި، އާންމު އެކިއެކި މުދާ އެތެރެ ކުރުމާއި އެކަމަށް މަގުފަހިކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އެސްޓީއޯއާއި، ޒިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުންވެސް އޭގެތެރޭގައި ހިމެނެއެވެ. އަދި މަހުގެ އުފެއްދުންތައް ބޭރު ކުރުމަށް ހޮރައިޒަން ފިޝަރީޒްއާއި ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ޤާއިމުކުރި އެއްބަސްވުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ރާއްޖެއިން ޗައިނާއަށް މަސް އެކްސްޕޯޓުކުރުމަށް އެއްބަސްވުމެއް އެކުލަވާލާފައި ވާއިރު ރާއްޖެއިން، މިހާރު މަސް އެކްސްޕޯޓުކުރަނީ ޔޫރަޕާއި ތައިލެންޑު އަދި މޮރިޝަސްއަށް އެކަންޏެވެ. މިގޮތުން މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއަށް ވިޔަފާރީގެ އިތުރު ފުރުޞަތުތައް ފަހިވެ، އޭގެ މަންފާ ރާއްޖޭގެ އިޤުތިޞާދަށް ކުރާނެއެވެ.