ހޯމް-ސްކޫލިންގގެ ނަމުގައި ޙަޔާތް ބަރުބާދުވުމަށް ފުރުޞަތުދެވިގެން ނުވާނެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި އިޝާރަތްކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި ތަޢުލީމުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލަށެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިހާރު އިއްވާފައި ވާއިރު، އެ ބިލުގެ މައިގަނޑު މަޤްޞަދަކީ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ނުވަތަ އެ ނޫންވެސް ޚާއްޞަ ޙާލަތެއް ދިމާވެގެން ސްކޫލަށް ޙާޟިރުވެ ތަޢުލީމު ޙާޞިލުކުރުމަށް އުޒުރުވެރިވާ ކުދިންނަށް "ހޯމް-ސްކޫލިންގ" ޕްރޮގްރާމެއްގެ ދަށުން އުނގެނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

އެގޮތުން އެކަމަށް އިޝާރަތްކުރައްވާ ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރާއްޖޭގައި މިހާރުވެސް 4,000 އަށްވުރެ ގިނަ ކުދިން ޤަވާޢިދުން ސްކޫލަށް ޙާޟިރުނުވާ ކަމަށެވެ. އަދި ހޯމް-ސްކޫލިންގގެ ނަމުގައި ޒުވާން ޖީލު މަގުއޮޅި، ޙަޔާތް ބަރުބާދުވުމަށް ފުރުޞަތު ދެވިގެން ނުވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ތަޢުލީމުގެ ޤާނޫނަށް ދެވަނަ އިސްލާޙު ގެނައުމުގެ ބިލުގެ އިބްތިދާޢީ ބަޙުސް މަރުހަލާގައި މެމްބަރު އަނާރާ ވިދާޅުވީ، މިއީ ކޮންމެ ކުއްޖަކަށްވެސް އުޖާލާ މުސްތަުބަލެއް ޤާއިމްކޮށްދިނުމަށް ދަޢުލަތުން ގެންގުޅޭ ދުރު ވިސްނުމުގެ ހެއްކެއް ކަމަށެވެ. ޤައުމީ ތަރައްޤީގެ އެންމެ ބޮޑު އިންވެސްޓުމެންޓަކީ، ރައްޔިތުންކަމަށް ސަރުކާރުން ދެކޭ ކަމަށާއި، މި ބިލަކީ ހުރިހާ ދަރިވަރުންގެ ހައްޤުތައް ހިމާޔަތްކުރުމަށް މުހިންމު ބިލެއްކަން މެމްބަރު އަނާރާ ފާހަގަކުރެއްވިއެވެ.