އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުގައި ކޮރަޕްޝަން ހުއްޓުވުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ތިންވަނަ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައިވެރިވެއްޖެއެވެ.
އަޒަރްބައިޖާންގެ ވެރިރަށް ބަކޫގައި އޮކްޓޫބަރު 27 އިން 28 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި މޯލްޑިވްސް އިމިގްރޭޝަނުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ އެއްބާރުލުން ވަރުގަދަކުރުމަށާއި، މަޢުލޫމާތާއި ތަޖުރިބާ އަދި އެންމެ ރަނގަޅު އުސޫލުތައް ޙިއްޞާކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އޯއައިސީގެ މެންބަރު ޤައުމުތަކުގެ ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރާ އިދާރާތަކާއި އިސް އޮފިޝަލުން އެއްތަނަކަށް ޖަމާވެ މަޝްވަރާތައް ކުރިއަށްގެންދާނެއެވެ.
އޭސީސީން ބުނީ މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، މި ދާއިރާއިން ގުޅިގެން ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވާ ދިވެހި ވަފުދުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދީފައިވަނީ އޯއައިސީގެ ފަރާތުންނެވެ.