އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކުވޭތުގެ މިނިސްޓަރ އޮފް އެންޑައުމަންޓްސް އެންޑް އިސްލާމިކް އެފެއާޒް، ޑރ މުޙައްމަދު އިބްރާހީމް މުޙައްމަދު އަލްވަޞްމީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، އިސްލާމީ ދާއިރާއިންނާއި، ވަޤުފް ތަރައްޤީކުރުމާއި، މީހުން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވުނީ ކުވޭތުގެ މިނިސްޓްރީ އޮފް އައުޤާފް އެންޑް އިސްލާމިކް އެފެއާޒުގައެވެ. މިއީ އިސްލާމީ ތަރައްޤީ ކުރިއެރުވުމަށާއި، ދީނީ މުއައްސަސާތައް ވަރުގަދަކުރުމުގައި، ދެ ޤައުމުގެ މެދުގައި އެއްބާރުލުން ދެވިދާނެ އައު ކަންކަން ހޯދުމަށް ލިބުނު ފުރުޞަތެއް ކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ވަޤުފް ތަރައްޤީކުރުމުގެ ދާއިރާއިން ދެ މުއައްސަސާ ގުޅިގެން ކުރިޔަށް ގެންދިޔުމާއި، އައުޤާފް ބިލު އެކުލަވާލުމުގައި ކުވޭތުގެ ފަންނީ މާހިރުންގެ އެހީތެރިކަމާއި ޕްރޮފެޝަނަލް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންނެވެ. މީގެއިތުރުން، އިސްލާމީ ތަޢުލީ ދާއިރާއިން، ޚާއްޞަކޮށް ދިވެހިރާއްޖޭގެ އިމާމުންނާއި ވުޒާރާގެ މުވައްޒަފުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، އިމާމުންގެ ޢަރަބި ބަހުގެ ޤާބިލުކަމާއި ފަންނީ ކުޅަދާނަކަން އިތުރުކުރުމަށް ޚާއްޞަ ޢަރަބި ބަހުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.
މުއައްސަސާތަކުގެ ޢިލްމީ މަޢުލޫމާތު ބަދަލުކުރުމާއި، ފަންނީ ޤާބިލުކަން އިތުރުކުރުމުގައި، އިސްލާމީ ވަޤުފްތަކާއި ދީނީ ޚިދުމަތްތައް ހިންގައި ތަރައްޤީކުރުމުގައި ކުވޭތުން ހޯދާފައިވާ ތަޖުރިބާއާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރެވުނެވެ.