މުދާ ވިއްކާނެކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެމައްސަަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފިއެވެ.
މި ދެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހީނާގެ / ނ. ހޮޅުދޫ، އުމުރުން އަހަރުގެ ޢަލީ ޢައްފާން އާއި ޕްލާޒާ / ނ. ހޮޅުދޫ، އުމުރުން 34 އަހަރުގެ މުޙައްމަދު ޙަމީދު އަދި ވީނަސް / ނ. ވެލިދޫ، އުމުރުން 34 އަހަރުގެ ޙައްސާނު ޢަލީ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ތިންމީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ 2026 ސެޕްޓެންބަރު 2ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްއިން ދިމާވި މީހަކާ ވާހަކަދައްކައި ޑިންގީއެއް ވިއްކާނެ ކަމަށްބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެންނެވެ.
މި އޮކްޓޫބަރު މަހުގެ 25ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫއިންނެވެ. ކޯޓު އަމުރެއްގެދަށުން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ޢަލީ ޢައްފާންއާއި، މުޙައްމަދު ޙަމީދު ހައްޔަރުކޮށްފައިވަނީ 2026 އޮގަސްޓު 7ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނެއް ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެންނެވެ.
މި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫއިންނެވެ. ކޯޓު އަމުރެއްގެދަށުން އެ ދެމީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ދެމައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.