ވަޒީރުންނާއި ކައުންސިލަރުންނަށް ލިބޭ އިނާޔަތްތައް އިތުރުކޮށް، މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ހިމެނޭހެން ވަޒީރުންގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

މަޖިލީހުގެ ރައީސްގެ މުސާރައާއި ވަޒީރުންގެ މަޖިލީހުގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 54 މެންބަރުންގެ ތެރެއިން 42 މެންބަރަކު ވޯޓުދިނީ މުސާރަ ބޮޑުކުރަން ފާސްކުރަން ފެންނަ ކަމަށެވެ. އަދި ނުފެންނަ ކަމަށް 12 މެންބަރަކު ވަނީ ވޯޓު ދީފައެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން އެހުމުން ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ ތެރެއިން 40 މެންބަރަކު ވަނީ މުސާރަ ބޮޑުކުރަން ފާސްކުރަން ފެންނަ ކަމަށް ވޯޓުދީފައެވެ. އަދި ނުފެންނަ ކަމަށް 12 މެންބަރަކު ވަނީ ވޯޓުދީފައެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމުގައި މުސާރަބޮޑުކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފްއެވެ. އެ ކޮމިޓީގައި ޝަރީފް ވިދާޅުވީ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރައަށް ބަދަލުތަކެއް ގެންނަން ހުށަހަޅާ ކަމަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހުއެވެ.