މަޖިލީހުގެ ރައީސް އާއި އުއްތަމަފަނޑިޔާރަށް ލިބޭ އިނާޔަތްތައް ބޮޑުކޮށް، ކޮންމެ ބޭފުޅަކަށް މަހަކު ޖުމްލަ 95،125 ރުފިޔާގެ މުސާރަ ދޭން ފާސްކޮށްފިއެވެ.

މުސާރަ ބޮޑުކުރަން ނިންމީ ޕީންސީގެ 40 މެމްބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް ވޯޓުދެއްވީ އެމްޑީޕީގެ 12 މެމްބަރުންނެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، އެހެނިހެން މަސައްކަތްތަކުގެ ބައިގައި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން، އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ މުސާރަ މުރާޖަޢާކުރުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހް އެވެ.

މަމްދޫހު ވިދާޅުވި ގޮތުގައި، އުއްތަމަ ފަނޑިޔާރުގެ މުސާރަ މުރާޖާކޮށްދިނުމަށް ހުށަހެޅުއްވީ، މުސާރަތަކަށް ގެނެވުނު ބަދަލުތަކާ އެކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރުގެ މުސާރައެއް ދިނުމަށެވެ. އެގޮތުން، އޭނާ ހުށަހެޅުއްވީ، މިހާރު އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތްތައް މުރާޖާކޮށް، ޚާއްސަ އެލަވެންސެއްގެ ގޮތުގައި 4،125 ރުފިޔާ އިތުރުކުރުމަށެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ. ކޮމިޓީން އެ ހުށަހެޅުން ފާސްކުރެއްވީ، އެ ވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.

މިހާރު އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވަނީ، 91،000 ރުފިޔާގެ މުސާރައެކެވެ. ކޮމިޓީން ގެނައި ބަދަލާއެކު އުއްތަމަ ފަނޑިޔާރަށް ޖުމުލަ 95،125 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ.

މަޖިލީހުގެ ރައީސްގެ މުސާރަ ވެސް 95،000އަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އިތުރުކުރުމަށް މިދިޔަ ބުދަ ދުވަހު މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.