ދިވެހިރާއްޖެއަކީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ، އަދި އެފަދަ އިންވެސްޓްމަންޓްތައް ކާމިޔާބު ކުރުމަށް ފުރިހަމައަށް އަޒުމު ކަނޑައަޅާފައިވާ ޤައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2026 ގެ ހަވާސާގައި ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޮޕަރޭޝަން ފޯރަމްގައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.

މި ފޯރަމް ބޭއްވީ ހަމައެކަނި އިންވެސްޓްމަންޓާ ބެހޭގޮތުން މަޝްވަރާކުރުމަށް ނޫން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިއީ ދެ ޤައުމުގެ ރައްޔިތުންނަށް ފާޅުކަން ބޮޑު މަންސަތަކެއް ހޯދައިދީފައިވާ އެކުވެރިކަމުގެ ކުރިއަށް އޮތް ބާބު ބައްޓަން ކުރުމަށް ބޭއްވުނު ފޯރަމެއް ކަމަށެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ކަނޑުގެ ދަތުރުފަތުރާއި އިންސާނީ މުއާމަލާތްތަކުގެ ގުޅުމަކީ ޤަރުނުތަކަކަށް ދެމިގެންގޮސްފައިވާ ގުޅުމެއްކަމަށާއި، މިއަދު އެ ގުޅުންތައް ވަނީ ދެ ފަރާތުގެ އިޙްތިރާމާއި، އިތުބާރާއި އަދި ތަރައްޤީގެ އެއްގޮތް އުންމީދުތަކުގެ މައްޗަށް ބިނާވެފައިވާ ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕަކަށް ބަދަލުވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

2025 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމްމަންޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ދިވެހި ވިޔަފާރިވެރިންނަށް ދުނިޔޭގެ އެންމެ ބޮޑު އެއް ވިޔަފާރީގެ ބާޒާރާ ގުޅިގެން އުޅުމަށް ލިބުނު ވަރުގަދަ ފުރުޞަތެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި 2025 ޖެނުއަރީއާއި 2026 އޮގަސްޓާ ދެމެދު ދިވެހިރާއްޖެއިން ޗައިނާއިން ގާތްގަނޑަކަށް 440 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެކޮށްފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 124 މިލިއަން ޑޮލަރު ނުވަތަ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ގިނަ މުދާ އެތެރެކޮށްފައިވަނީ މި އެއްބަސްވުމުގެ ދަށުންނެވެ.

ރައީސް ވިދާޅުވީ ޤައުމުގެ ތަރައްޤީއަށްޓަކައި ވިޝަން 2040 ގެ ދަށުން، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމުގެ އަމާޒު ކަނޑައަޅާފައިވާ ކަމަށެވެ. މިކަން ހާޞިލުކުރުމަށްޓަކައި އިޤްތިޞާދު ސިންދަފާތުކޮށް، އީޖާދުކުރުން އަވަސްކޮށް، މުސްތަޤުބަލުގެ މައްޗަށް އިތުބާރުކުރާ އިންވެސްޓަރުންނާއެކު ބައިވެރިވުންތައް އުފައްދަންޖެހޭ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރީގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށާއި، ސިޔާސަތުތަކުގެ ޔަޤީންކަން ބޮޑުކުރުމަށްޓަކައި، ވިއްސަކަށް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބޭރުގެ އިންވެސްޓްމަންޓާ ބެހޭ ޤާނޫނުގެ ބަދަލުގައި އައު ޤާނޫނެއް ތައާރަފްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަރައްޤީގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި އިއާދަކުރަނވި ހަކަތަ، ކާބޯތަކެތީގެ ރައްކާތެރިކަން، ލޮޖިސްޓިކްސް، މަސްވެރިކަމުގެ ޒަމާނީ ޕްރޮސެސިންގ، ޑިޖިޓަލް ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، ސިއްޙީ ޚިދުމަތް، މާލީ ޚިދުމަތް، ސްމާޓް އިންފްރާސްޓްރަކްޗާ (ވަސީލަތްތައް)، އަދި ދެމެހެއްޓެނިވި ގޮތެއްގައި ސިޓީތައް ތަރައްޤީ ކުރުން ހިމެނެއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ ކޮންމެ އިންވެސްޓަރަކާއި ވިޔަފާރިވެރިއަކުވެސް ރާއްޖެއިން ލިބެންހުރި ފުރުޞަތުތައް ބަލައި، ދިވެހި ވިޔަފާރިތަކާ ގުޅިގެން މަސައްކަތް ކުރުމަށް ދައުވަތު ދެއްވާފައެވެ.

މި ފޯރަމްގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.