ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު މަސައްކަތްކުރުމަށް ގޮންޖެހުންތައް ހުރި ކަމަށް ވިދާޅުވެ މީޑިއާ ކޮމިޝަންގެ ރައީސް މުހައްމަދު ފަރުޝަތު މިއަދު އިސްތިއުފާދެއްވައިފިއެވެ.

ފަރުޝަތު މަގާމުން އިސްތިއުފާ ދެއްވިކަން ވީ ނިއުސްއަށް ވަނީ ކަށަވަރުވެފައެވެ. އޭގެއިތުރުން ފަރުޝަތު ރައީސްއަށް ފޮނުއްވި ސިޓީ މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ސިޓީގައި ވަނީ، މީޑިއާ ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކަމާ އެކު، އަދި ހުރިހާ މީޑިއާތަކަށް ހަމަހަމަކާއި އިންސާފުވެރިކަމާ އެކު ކަންކަން ރާވާއި ހިންގުމަށް ހައްލު ނުކުރެވޭ ގޮންޖެހުންތަކެއް ހުރުމުގެ ސަބަބުން މިއަދުން ފެށިގެން އެ ކޮމިޝަނުގެ ރައީސް ކަމާއި މެމްބަރު ކަމުގެ މަގާމުން އިސްތިއުފާދޭން ނިންމާފައިވާ ކަމަށެވެ.

ރާއްޖެ ފުރިހަމަ ޑިމޮކްރަސީގެ ނިޒާމަކަށް ފުރޮޅެމުންދާ ދަނޑިވަޅެއްގައި މީޑިއާތަކަކީ އިލްމީ ގޮތުންނާއި ފައިސާގެ ތަނަވަސްކަމުގެ ގޮތުންނާއި "މެޗުއަރިޓީ"ގެ ގޮތުން މިނިވަން މާހައުލެއްގައި އާންމުންގެ ހައްގުތައް ކަށަވަރުކުރުމުގައި ޒިންމާދާރު ބަޔަކަށް ވުމަކީ އޭނާގެ އުއްމީދެއް ކަމަށް އެ ސިޓީގައި ވެއެވެ.

ފަރުޝަތު ވިދާޅުވީ ގާނޫނުން ކޮމިޝަނާއި މެމްބަރުންގެ މައްޗަށް މަގު ދައްކާފައި ވަނީ ދިވެހި މީޑިއާގެ މިންގަނޑުތަކާއި އަހްލާގީ ގަވާއިދު ދަމަހައްޓައި، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ވާޖިބުތައް އަދާކުރުމަށާއި މީޑިއާ ކޮމިޝަނުގެ އިތުބާރާއި ގާނޫނުގެ ރޫހާއި މަގުސަދު ދެމެހެއްޓުމުގެ ބިންގަލަކީ އެއީ ކަމަށެވެ.

މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުޝަތު އައްޔަންކުރީ މިދިޔަ އަހަރު އޮކްޓޯބަރު 27 ގައެވެ.