އަމިއްލަ ދިރިއުޅުމުގެ ބޭނުމަށް ވިޔަފާރީގެ އުސޫލުން ކާބޯތަކެތި އުފައްދާ ގޭގެއަށް އަންނަ މަހު ޒިޔާރަތްކޮށް، އިންސްޕެކްޝަނެއް ހެދުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.
އެމްއެފްޑީއޭއިން ބުނީ، އެ އޮތޯރިޓީގައި ދަފްތަރުކޮށްފައިވާ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަަސައްކަތްކުރާ ފަރާއްތަކުން، އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑަށް އަމަލުކުރާގޮތް ބެލުމަށްޓަކައި ސަރވެއިލަންސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ.
މި އިންސްޕެކްޝަން ކުރިއަށް ދާނީ އަންނަ މަހުގެ 5 އިން ފެށިގެން އެ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެމްއެފްޑީއޭގެ އިއުލާންގައިވެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 އަދި 3034221 އަށް ގުޅުމަށް އެމްއެފްޑީއޭގެ އިއުލާންގައި ބުނެފައިވެއެވެ.
ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް ކާބޯތަކެތި ބަންދުކޮށް، ލޭބަލްކުރާނަމަ ބޮޑު އަދަދުތަކުން ޖޫރިމަނާ ކުރެވޭގޮތަށް ގަވާއިދެއް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ހަދާފައެވެ. އެގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ކާބޯތަކެތި ބަންދުކުރަންވާނީ ކާބޯތަކެތި ބަންދުކުރުމަށް ޚާއްޞަކޮށްފައިވާ ފުޑް ގްރޭޑަޑް މެޓީރިއަލްތަކުގައެވެ. އަދި ކާބޯތަކެތި އެޅުމަށް ހާއްސަކޮށްފައިވާ ކަންވާރު ނޫން ކަންވާރުތަކާއި އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލަން ހަދާފައި ހުންނަ ޕޮލިއިތެލިން ޓެރެފްތަލޭޓް ނުވަތަ ޕެޓް ފުޅިފަދަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކުރުމަކީ މަނާކަމެއް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.