ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ފްރާންސް ފުޓްބޯލް މެގަޒިންއިން ދޭ ބެލަންޑޯ އެވޯޑް، ހެރީ ކޭން އާއި އެލެކްސިއާ ޕުޓޭޔާސް ކާމިޔާބުކޮށްފިއެވެ.
ލަންޑަންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، ބަޔާން މިއުނިކްގެ ފޯވާޑް ކޭންއަށް ބެލަންޑޯ ހަވާލުކުރީ ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ އެވެ. ކޭން މި އެވޯޑް ހޯދީ ރެއާލް މެޑްރިޑްގެ ކިލިއަން އެމްބާޕޭއާ ވާދަކޮށެވެ. އެމްބާޕޭއަށް ދެވަނަ ލިބުނު އިރު، ތިންވަނައަށް ދިޔައީ ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް އެވެ.
އުމުރުން 33 އަހަރުގެ ކޭން ވަނީ މިދިޔަ ސީޒަންގައި ބަޔާންއާ އެކު ބުންޑަސްލީގާ، ޖާމަން ކަޕް އަދި ޖާމަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. އަދި ލީގުގެ ރަން ބޫޓާއި ޔޫރަޕްގެ ރަން ބޫޓު ވެސް ހޯދީ ކޭން އެވެ.
ބެލަންޑޯ ރޭންކިންގެ ތިންވަނަ ލިބުނު ޔަމާލް ވަނީ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް މި އަހަރުވެސް ހޯދާފައެވެ. މިއީ އޭނާ ވިދިވިދިގެން މި އެވޯޑް ހޯދި ތިންވަނަ ފަހަރެވެ.
މީގެ އިތުރުން، އެންމެ މޮޅު ގޯލުކީޕަރުގެ މަގާމު ސްޕެއިންގެ އުނައި ސިމޯންއަށް ލިބުނު އިރު، އެންމެ މޮޅު ސްޓްރައިކަރަކީ މިދިޔަ ސީޒަންގައި 73 ލަނޑު ޖެހި ކޭން އެވެ. އަދި ސީޒަންގެ އެންމެ މޮޅު ކްލަބަކީ ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ އެވެ.
މިފަހަރުގެ އަންހެނުންގެ ބެލަންޑޯ، ބާސާއަށް ކުޅޭ ސްޕެއިންގެ މިޑްފީލްޑަރު އެލެކްސިއާ ޕުޓޭޔާސްއަށް ލިބުނު އިރު، މިއީ އޭނާ މި އެވޯޑް ހޯދި ތިންވަނަ ފަހަރެވެ. ޕުޓޭޔާސް މީގެކުރިން ބެލަންޑޯ ހޯދީ 2021 އަދި 2022 ވަނަ އަހަރުއެވެ.
މިފަހަރުވެސް އެންމެ މޮޅު ޒުވާން އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދީ ބާސާގެ ވިކީ ލޮޕޭޒް އެވެ. އަދި އެންމެ މޮޅު އަންހެން ކްލަބަކަށް ހޮވިފައިވަނީ ބާސާ އެވެ.
ޓޮޓްނަމް ހޮޓްސްޕާގެ ކުރީގެ ފޯވާޑް ކޭން މިއަހަރުގެ ބެލަންޑޯ ހޯދި އިރު، އެންމެ ފަހުން މި އެވޯޑް ހޯދީ ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ އެވެ. ޑެމްބެލޭއަށް މިފަހަރު ލިބުނީ ރޭންކިންގެ ހަތްވަނަ އެވެ. އަދި އެންމެ ގިނަ ފަހަރު އެވޯޑް ހޯދާފައިވާ، 39 އަހަރުގެ ލިއޮނަލް މެސީ ވަނީ، ވޯލްޑް ކަޕްގައި ދެއްކި ތަފާތު ކުޅުމާއެކު ބެލަންޑޯ ރޭންކިންގެ ފަސްވަނަ ހޯދާފައެވެ.