ތިލަމާލެ ބުރިޖު ވިލިމާލެ އިން ގުޅިފަޅަށް މި ހަފްތާތެރޭގައި ގުޅާލާނެ ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ތިލަމާލެ ބުރިޖުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިންމާލައިފައިވާއިރު، ސައިޓުގައި މައިގަނޑު ގޮތެއްގައި މިހާރު ކުރިއަށްދަނީ ބްރިޖްގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. އެގޮތުން ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 98.53 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ ގުޅިފަޅުގައި ގާއިމުކޮށްފައިވާ ބުރިޖު ސައިޓުގައެވެ.

ބިނާރާ ބެހޭ ވުޒާރާއިން ބުނީ، އެއް ތަނބު އަނެއް ތަނބާ ގުޅާލުމަށް ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ 88 އިންސައްތަ މަސައްކަތް ވަނީ ނިންމާފައި ކަމަށެވެ.

އެ ވުޒާރާއިން ބުނީ، ބުރިޖު މަސައްކަތްތަކުގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު އެއް މަސައްކަތަކީ ވިލިމާލެއިން ގުޅިފަޅަށް ގުޅާލުމުގެ މަސައްކަތް ކަމަށެވެ. ބްރިޖުގެ ވިލިމާލެ އާއި ގުޅީފަޅު ދެމެދުގެ އެންމެ ފަހު ސެގްމެންޓް އިންސްޓޯލްކޮށް، މި މަހުގެ ނިޔަލަށް ވިލިމާލެއާއި ގުޅީފަޅު ގުޅާލުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މާލެއިން ވިލިމާލެއަށް ގުޅާލުމުގެ މަސައްކަތް އޮގަސްޓްމަހުގެ ނިޔަލަށް ވަނީ ނިންމާފައެވެ. އެއީ 2.2 ކިލޯމީޓަރުގެ ބުރިޖެކެވެ.

ވިލިމާލެއިން ގުޅިފަޅަށް ހިމެނޭ ބުރިޖަކީ ގާތްގަނޑަކަށް 750 މީޓަރުގެ ދިގުމިނުގެ ބުރިޖަކަށް ވާއިރު، އެ ބުރިޖު ތިލަފުއްޓާ ގުޅޭނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކަށްފަހުއެވެ.

މީގެ އިތުރުން، ގުޅީފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާއިރު، ތިލަފުށީގައި ކުރިއަށް ދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެންޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ.

އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މުޅި މި މަޝްރޫއަށް 500 މިލިޔަން ޑޮލަރު ހޭދަވާ އިރު އެއީ، 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. އަދި މި މަޝްރޫއަށް ދިވެހި ސަރުކާރުންވެސް ހަރަދު ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މި މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގައެވެ.