ރާއްޖޭގެ ސަރައްޙަދުތަކަށް، ދުންފުހުގެ އަސަރު ނުރައްކާ މިންވަރަކަށް ކުރަން ފަށާފައިވާތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އެދިއްޖެއެވެ.
އެ އިދާރާއިން ބުނީ، ދުންފުހުގެ ސަބަބުން މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ދުރުފެންނަ މިންވަރު ދަށްވެފައިވާ ކަމަށެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ގާތްގަނޑަކަށް 2 ކިލޯ މީޓަރަށް ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މެދުރާއްޖެތެރޭގެ އަތޮޅުތަކަށާއި، ހާއްސަކޮށް އުތުރުގެ އަތޮޅުތަކަށް ކުރިއަށް އޮތް 5 ދުވަހުވެސް ދުންފުހުގެ އަސަރު ކުރާނެކަމަށް ލަފާކުރެވޭ ކަަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
ދުންފުހުގެ އަސަރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ވަރަށް ބޮޑަށް ކޮށްފައިވާއިރު، އެހެން އަހަރަތަކާ ހިލާފަށް މި އަހަރުގެ ފެބްރުއަރީ މަހު ދުންފުހުގެ އަސަރުވަނީ ވަރަށް ބޮޑަށް ދިގުދެމިގެން ގޮސްފައެވެ.
ރާއްޖޭގެ ވައިނުސާފުވުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
މިހާރުގެ ހާލަތަށް ބަލާއިރު، ށ. ފުނަދޫ އިން ހދ. ކުޅުދުއްފުއްޓަށް ވަނީ، ހުރިހާ އެންމެންނަށްވެސް ސިއްހީ ގޮތުން ނޭދެވޭ އަސަރުކުރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ އޮތް ހާލަތަށް ވައި ނުސާފުވެފައެވެ.
މާލެ ސަރަހައްދުގެ ވިލިނގިއްޔަށް، ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތަށް ޖެހުމުގެ ފުރުސަތު ބޮޑު މިންވަރަކަށް ވައި ނުސާފުވެފައި ހުރި އިރު، ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު، ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލިވާންޖެހޭ މިންވަރަކަށް ލ. ގަމުން ފެށިގެން ދ. ކުޑަހުވަދޫއާ ހަމައަށް ވައި ނުސާފުވެފައިވެއެވެ.
މިހާރުގެ ހާލަތަށް ބަލާއިރު ވައިގެ ކޮލިޓީ ރަނގަޅު ސަރަހައްދަކީ އެންމެ ދެކުނުކަމުގައިވާ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއެވެ.
އެހެންކަމުން މިދުވަސްވަރު ރާއްޖޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާތީ، މިކަމާ ގުޅިގެން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުން ބޭރުގައި ކުޅެން އުޅުމާއި، ކަސްރަތުކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުމަށް ވަނީ އެދިފައިވެއެވެ.
ހަމައެއާއެކު، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނާއި، އެލާޖީގެ މައްސަލަތައް ހުންނަ މީހުން މާސްކް އެޅުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ބޭރުގެ ނުސާފުވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، އެއަރ ޕިއުރިފަޔާ ބޭނުންކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.