ޚިދުމަތުގައި ތިބި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށް، ބަނޑޭރިކޮށި ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާ އިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ، ސިފައިންނަކީ، ހާލަތާއި ވަގުތާއި ތަނަށް ރިއާޔަތްކޮށް އާއިލާއާ ދުރުގައި ރެއާއިދުވާލު ގައުމީ ހިދުމަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ބަޔަކަށް ވުމާ އެކު، ސިފައިންނަށް ދެވޭ އިނާޔަތްތަކާއި ފޯރުކޮށްދޭ ވެލްފެއަރގެ ހިދުމަތްތައް ރަނގަޅުކޮށް ތަރައްގީކުރުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމެއް ކަމަށެވެ.

އެގޮތުން ސިފައިންނަށް ބޭނުންވާ ބޯހިޔާވަހިކަން ތަރައްގީކުރުމުގެ މަސައްކަތް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ އާއި އެމްއެންޑީއެފުން ހާއްސަ އިސްކަމެއް ދީގެން އެ މަސައްކަތް މި ވަގުތު ކުރިއަށްގެންދަމުންދާ ކަމަށް ވުޒާރާއިން ބުނެއެވެ.

ސިފައިން ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުޅާވެ ތަރައްގީވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ވަތަނީ ހިދުމަތާ ގުޅެމުންދާ ސިފައިންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ، ބޯހިޔާވަހިކަމަށް އެދިހުށަހަޅާ ނިސްބަތް އިތުރުވުމުގެ ސަބަބުން، ސިފައިންނާއި ސިފައިންގެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ސިފައިންނަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް މި އަހަރުގެ ސިފައިންގެ ދުވަހު ރައީސް ޑރ. މުޢިއްޒު ވަނީ އިއުލާންކުރައްވާފައެވެ.

މިގޮތުން ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްގީކޮށް، ވީހާވެސް ގިނަ ޢަދަދެއްގެ ސިފައިންނަށާއި ފުލުހުންނަށް، ޚިދުމަތުގެ މުއްދަތުގައި، ބޯހިޔާވަހިކަން ލިބިދެވޭނެގޮތަށް ގިނަ އެޕާޓްމަންޓްތަކެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.

މި މަޝްރޫޢޫ ކުރިއަށް ގެންދިއުމަށް ބަނޑޭރިކޮށި ހުސްކުރަންޖެހޭތީ، މިކަންކުރުމުގައި އެތަނުގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާނެ ދަތި ވީހާވެސް ކުޑަކުރުމަށްޓަކައި، މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެން ކަމަށް ވުޒާރާއިން ބުނެއެވެ. މިގޮތުން ފުރަތަމަ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރިކޮށި 1 ތަރައްޤީ ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުޒާރާ އާއި އެމްއެންޑީއެފްގެ ފަރާތުން ދަނީ ވަމުންނެވެ. މިގޮތުން ބަނޑޭރިކޮށި 1 އިން ސިފައިންނަށާއި ފުލުހުންނަށް ވަގުތީގޮތުން ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ އެޕާޓްމަންޓްތައް ހުސްކުރުމުގެ ކުރިން އެފަރާތްތަކަށް މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވާގޮތުގެ މަޢުލޫމާތު ހިއްސާކޮށް، އެތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަށް އަޑުއަހާ، ޙައްލުތައް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ބަނޑޭރިކޮށި 1 ތަރައްޤީކުރެވުމާއެކު، މިހާރު ބަނޑޭރި ކޮށި 1 ގައި ދިރިއުޅެމުންދާ ފަރާތްތައް، އަލަށް ތަރައްޤީކުރެވޭ އެޕާޓްމަންޓް ތަކަށް ބަދަލުކުރާ ގޮތަށެވެ. މި މަޝްރޫޢު ނިމޭއިރު މިހާރު ބަނޑޭރިކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ޚިދުމަތުގައި ތިބި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ދިފާއީ ވުޒާރާއިން ބުނެ އެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ، 2040 ވަނަ އަހަރު އަންނަ އިރު ސިފައިންގެ ވަސީލަތްތައް ފުރިހަމަވެ، ތަރައްޤީވެފައިވާ ޤައުމުތަކުގައި ސިފައިންގެ ޚިދުމަތް ދެވޭ ފެންވަރަށް ރައްޔިތުންނަށް ސިފައިން ދޭ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށްވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ބަނޑޭރިކޮށި އަލުން ތަރައްގީކުރަން ނިންމިއިރު ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ޚާއްސަކޮށް މިހާރުވެސް ވަނީ ހަ ޓަވަރު އަޅާފައެވެ.