ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުތަކުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން، އެ ޤަރާރެއް ބަލައިގަތުމާ މެދު މެންބަރުންގެ މެދުގައި ވޯޓަށް އަހަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާއަށް މި އިސްލާހު ހުށަހެޅުއްވީ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
ގަވައިދަށް ގެނެސްފައިވާ އިސްލާހު ދިރާސާކޮށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 56 މެންބަރުންގެ ވޯޓުންނެވެ. އެ ރިޕޯޓް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް 11 މެންބަރުން ވޯޓު ދެއްވީ މުޅިން ވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުންނެވެ.
މި އިސްލާހުގައި ބުނެފައިވާ ގޮތުގައި، މަޖިލީހަށް ހުށަހަޅާ ޤަރާރެއް ބަލައިގަތުމާ މެދު ވޯޓަށް އަހާނީ އެ ޤަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިންނެވެ. އަދި ޤަރާރު ބަލައިގަންނަން ފާސްވެއްޖެނަމަ އިބްތިދާއީ ބަހުސްކުރުމަށްފަހު އެ ޤަރާރު ދަތުރުކުރާނީ ކަމާގުޅޭ ކޮމިޓީއަކަށެވެ. ނަމަވެސް، ޤަރާރު ބަލައިގަންނަން ފާސްނުވެއްޖެނަމަ އެ ޤަރާރެއް ވަގުތުން ބާތިލުވާނެ ކަމަށާއި، އެ ޤަރާރަކާމެދު އިތުރު ބަހުސްކުރުމެއް ނޯންނާނެ ކަމަށް އިސްލާހުގައިވެ އެވެ.
އިސްލާހުގައި އިތުރަށް ބުނެފައިވާގޮތުގައި ޤަރާރަކީ ތިލަ އިބާރާތް ނޫން ދީބާޖާއެއް އެކުލެވިގެންވާ އެއްޗަކަށް ވާންޖެހޭނެ ކަމަށާއި، ހިނގަމުންދާ ބަހުސަކާ ގުޅޭ މައުޟޫއަކަށް އޮތް ޤަރާރަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ކޮމިޓީ މަރުހަލާ ނިމި މަޖިލީހުން ޤަރާރު ފާސްވުމުން، ބިލު ތަންފީޒުކުރުމަށް އޮންނަ އުސޫލުން ތަންފީޒުކުރަން ފޮނުވަން ނުޖެހޭނެ ކަމަށްވެސް އެ ޤަރާރުގައި ހިމަނައިފައިވެއެވެ.
މައްސަލަ ދިރާސާކުރި އާންމު ކޮމިޓީގެ އިއްތިފާގުން މިދިޔަ ބުދަ ދުވަހު މި ބަދަލު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، ވޯޓުގެ ކުރިން ބަހުސްކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް އޮތް ބައި އުނިކުރަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އިސްލާހެއް ހުށަހެޅުއްވިއެވެ. ނަމަވެސް އެ އިސްލާހުވަނީ ޕީއެންސީގެ 55 މެންބަރުންގެ ވޯޓުން ބޭރުކޮށްލައިފައެވެ.