ތިނަދޫ ސިޓީގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ތިނަދޫ ސިޓީގެ ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ސިޓީގައި ބޭއްވި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު އަދި އެ ކުންފުނީގެ އިސްވެރިންގެ ވަފުދެއް ވަނީ ބައިވެރވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރު އެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން ފެނަކައިގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ، ތިނަދޫ ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އެކަމަށްޓަކައި ރައީސަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން ރޭގެ ވަގުތެއްގައި އެ ސިޓީގައި ތިބި މުވައްޒަފުންނާ ބައްދަލުކުރައްވައި، ކަރަންޓު ފޯރުކޮށްދިނުމުގެ ނިޒާމާއި ވަސީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި ހުރިހާ މުވައްޒަފުންވެސް ޒިންމާދާރުކަން އިސްކުރުމަށް އެމްޑީ ވަނީ ބާރުއަޅުއްވާފައެވެ. މީގެ އިތުރުން، އެ ސިޓީގެ އިންޖީނުގެއާއި ޔުޓިލިޓީ ވަސީލަތްތައް ސީދާ ބައްލަވާލައްވައި، ކުރިއަށް އޮތް ތަނުގައި ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާ މެދުވެސް ސްޓެލްކޯގެ ޓީމުން ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި، މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ތިނަދޫގެ ޚިދުމަތާ ހަވާލުވުމަކީ ލިބުނު މުހިންމު ކުރިއެރުމެކެވެ. އަދި މި ބަދަލާއެކު، ތިނަދޫ ސިޓީގެ ރައްޔިތުންނަށް އެއްވެސް މެދުކެނޑުމެއްނެތި، އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ޔަޤީންވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.