ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ މި އަހަރުގެ ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑަށް ދިވެހިރާއްޖެ ނޮމިނޭޓްވެއްޖެއެވެ.
ވިޒިޓް މޯލްޑިވްސް އިން ވަނީ ދުނިޔޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާގެ އެކި ބައިތަކުން ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޑަބްލިއުޓީއޭއިން ދެމުން އަންނަ މި އެވޯޑުތަކުގެ ތެރެއިން ރާއްޖެ ނޮމިނޭޓްވެފައިވާކަން ހާމަކޮށްފައެވެ.
މި އެވޯޑު ޖެހިޖެހިގެން ތިންވަނަ އަހަރަށް ރާއްޖެއަށް ހޯދައިދިނުމަށް ޓަކައި އަންނަ ހުކުރު ދުވަހުގެ ކުރިން ވޯޓުލުމަށް ވިޒިޓް މޯލްޑިވްސްއިން އެ ޕޯސްޓުގައި ވަނީ އެދިފައެވެ. ޑަބްލިއުޓީއޭގެ ދުނިޔޭގެ ފެންވަރުގެ އެވޯޑުތަކަށް ވޯޓުލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެ ކެޓަގަރީތަކަށް ވޯޓުލުމުގެ ސުންގަޑި ހަމަވާނީ އަންނަ ހުކުރު ދުވަހުއެވެ.
މިއަހަރުގެ ގްރޭންޑް ފައިނަލް ގާލާ ސެރެމަނީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 12 ވަނަ ދުވަހު ޓެންޒޭނިއާގައެވެ.
ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރި ގޮތުގައި، 2026 ވަނަ އަހަރުގެ ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑަށް ދިވެހިރާއްޖެ މި ފަހަރު ނޮމިނޭޓްވެފައި މިވަނީ 2024 އަދި 2025 ވަނަ އަހަރުވެސް ޖެހިޖެހިގެން މި އެވޯޑު ރާއްޖެއިން ކާމިޔާބުކޮށްފައި ވަނިކޮށެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑުގައި ދުނިޔޭގެ ހުރިހާ ފަތުރުވެރި މަންޒިލުތަކެއް ވާދަކުރެ އެވެ.
މި އެވޯޑު ކާމިޔާބުކުރާ ފަރާތްތައް ހޮވަނީ ސިނާއަތުގެ ތަޖުރިބާކާރުންނާއި، މުޅި ދުނިޔެއަށް ހުޅުވާލައިގެން ނެގޭ ވޯޓަކުންނެވެ. މިއީ ފަތުރުވެރިކަމުގެ މަންޒިލުތަކުގެ ފެންވަރު ވަޒަން ކުރުމުގައި ވެސް ގިނަ ބަޔަކު ބަލައިގަންނަ އެއް މިންގަނޑެވެ.