މުޖުތަމަޢުގެ ލާބައާއި މަންފާއާއި ޤައުމުގެ ކުރިއެރުމަށް އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ދޭ "ރެހެންދި އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 2026 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ.
މި އެވޯޑަށް ކުރިމަތިލެވޭނީ ވަކިވަކި އަންހެނުންނަށާއި ޖަމްއިއްޔާ ޖަމާއަތްތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށެވެ. ވަކިވަކި އަންހެނުންނާއި ޖަމްއިއްޔާތަކުގެ ނަން އަމިއްލައަށް ހުށަހެޅުމުގެ އިތުރުން އެހެން ފަރާތަކަށް ނޮމިނޭޓް ކުރުމުގެ ފުރުސަތުވެސް ދީފައިވެއެވެ. ކޮމިޓީތަކުގެ ނަން ނަމަ، އަމިއްލައަށް ނުވަތަ އެ ކޮމިޓީއެއް ނިސްބަތްވާ ސިޓީ ނުވަތަ ރަށުގެ ލޯކަލް ކައުންސިލުން، ނުވަތަ އެހެން ފަރާތަކުން ހުށަހެޅިދާނެއެވެ. އެއްވެސް ނަމެއް ހުށަހެޅޭނީ އެއް ދާއިރާއަކުން އެކަނިއެވެ.
ގައުމީ ހިދުމަތުގެ އެކި ދާއިރާތަކުގައި އަންހެނުން ކުރާ މަސައްކަތާއި، ގައުމު ތަރައްގީކުރުމާއި މުޖުތަމައު ބިނާކުރުމުގައި އެމީހުން އަދާކުރާ ދައުރު ގައުމީ ފެންވަރުގައި ފާހަގަކުރުމަކީ މި އެވޯޑުގެ މައިގަނޑު މަގްސަދެވެ. އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެކި ދާއިރާތަކަށް ނުކުތުމަށް ހިތްވަރުދީ ބާރުވެރިކުރުވުމާއި، އަންހެނުންގެ ކުރިއެރުމަށް ފަރުދުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމަކީވެސް މި އެވޯޑުގެ ލަނޑުދަނޑިތަކެކެވެ.
ވަކިވަކި އަންހެނުންނާއި ޖަމްއިއްޔާ ޖަމާއަތްތަކަށް އެވޯޑު ދެވޭނެ ކެޓަގަރީތަކުގެ ތެރޭގައި ލީޑަރޝިޕް އަދި ގަވަނަންސް، އިގްތިސާދީ ގޮތުން ބާރުވެރިކުރުވުން، އިޖްތިމާއީ ގޮތުން ބާރުވެރިކުރުވުމާއި، އަންހެނުން އާންމުކޮށް ނޫޅޭ ދާއިރާތަކުގެ މަސައްކަތް ނުވަތަ ނޮން ޓްރެޑިޝަނަލް ރޯލްސް ހިމެނެއެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ރެހެންދި އެވޯޑު އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ.