ކޮންމެ އިރުވައި މޫސުމަކާއި އެކު ޓެކްސް ނެގުމުގެ ވާހަކަ ދެކެވޭ ކަމަށާއި މި ވާހަކަތައް ރައްޔިތުން ރަނގަޅަށް ދައްކަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ޓެކުހުގެ އަދަދު އެޕީލްކުރުމުގެ ކުރިން، އިއުތިރާޒުކުރާ އަަދަދުގެ 100 އިންސައްތަ ދައްކަންޖެހޭ ހާލަތު ކަނޑައެޅުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހަށް ބަހުސް ކުރައްވަމުން މެންބަރު އިބްރާހިމް ނާޒިލް ޓެކްސް ނެގުމުގެ އިދާރީ ގާނޫނާއި ޓެކުހާއި ގުޅޭ ވާހަކަ ކޮންމެ އިރުވައި މޫސުމެއްގައި ބަޖެޓާ އެކީގައި ކޭޝް ފްލޯ ރަނގަޅު ކުރަން ސަރުކާރު ހިންގަން މިވާހަކަތައް ދައްކާ ދުވަސްތައް ފަށާފައިވާ ކަމަށެވެ.
ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ނިމުމުގައި ގިނަ ދުވަސްތަކެއް ނަގައި، މައްސަލަތައް ދިގުދެމިގެންދާކަން ޕީއެންސީގެ މެންބަރުން ވަނީ އެކަން ފާހަގަކުރައްވާފައި ކަމަށް މެންބަރު ވިދާޅުވިއެވެ. މިހާރު ވެސް މީރާއަށް ދައްކަންޖެހޭ ފައިސާގެ 25 އިންސައްތަ ދެއްކުމަށްފަހު، ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދެވޭން އޮތް ނަމަވެސް، މައްސަލައަށް 100 އިންސައްތަ ފައިސާދައްކައިން 10، 12 އަހަރަށް ދިގުދެމިގެންދާ ނަމަ، އޭގެ ސަބަބުން ވިޔަފާރީވެރިންނަށް އޭގެން ވަނީ ކޮން ފައިދާއެއްތޯ މެންބަރު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މި ކަމާގުޅޭ ގޮތުން އެކަށީގެންވާ ދިރާސާތަކެއް ހެދިފައިވައިވޭތޯ މެންބަރު ވަނީ ސުވާލު އުފައްދަވާފައެވެ.
ޓެކުހުން ލިބޭ ފައިސާ ވިއްކައިގެން ދައްކަން ނޫން ކަމެއް ނުކުރާ ކަމަށް މެންބަރު ވަނީ ތުހުމަތު ކުރައްވާފައެވެ. މެންބަރު ވިދާޅުވީ ޓެކްސް ނަގައިގެން ނޫން ގޮތަކަށް ބަޖެޓަށް ފައިސާ ދައްކަން ނޭނގޭ ސަރުކާރެއް ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.
މި ބިލް ހުށަހެޅުވަމުން، ބިލުގެ މައިގަނޑު މަޤްސަދުގެ ތެރޭގައި ދައުލަތަށް ލިބެންޖެހޭ ޓެކުހުގެ ހައްގު ފައިސާ ލަސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން ގާނޫނީ ލޫޕް ހޯލްތަކާއި އެކި އުކުޅުތައް ބޭނުން ކޮށްގެން ޓެކްސް ދެއްކުން ދިގު ދަންމާ ގައުމުގެ ތަރައްގީއަށް ހުރަސް އަޅާ ނާޖާއިޒް މުއާމަލާތްތަކަށް އޮތް ފުރުސަތުތައް ހަނިކުރުން ކަމަށް ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫ ވިދާޅުވިއެވެ.