ޤަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު އުޝާމް މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް ގަތުލުއާންމު ހިންގުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އިގުތިޞާދީ ރައްކާތެރިކަމަށް ގެއްލުންދޭ އަމަލުތަކާއި އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ އަދަބު ހަރުދަނާކޮށް ބޮޑުކުރުމަށްޓަކައި ގާނޫނުލްއުގޫބާތަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތީ އެކަމާއި ގުޅިގެން ބައެެއް ފަރާތްތަކުން ފާޑުކިޔުންދާތީ އެކަމަށް ރައްދު ދެއްވައެވެ.

އެގޮތުން އެކަމަށް އިޝާރާތްކުރައްވާ ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ ޤަތުލުޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގައި ރާއްޖެއިން ބައިވެރިވެފައި ވަނީ 24 އެޕްރީލް 1984 ގައި ކަމަށެވެ. އެ މުޢާހަދާގެ 5 ވަނަ މާއްދާގައި، އެ މުޢާހަދާއަށް ޢަމަލުކުރުމަށްޓަކައި އެ މުޢާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުން ހަދަންޖެހޭ ޤާނޫނުތައް ހެދުމާއި، ޖެނޮސައިޑްއާ ގުޅޭ ކުށްތަކަށް ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ލާޒިމްކޮށްފައިވާ ކަމަށާއި، ނަމަވެސް، އޭގެ ފަހުން 42 އަހަރު ވެގެން ދިޔައިރުވެސް ދިވެހިރާއްޖެއިން އެ ޒިންމާ އަދާކޮށްފައިނުވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

މުސްލިމުންނާ ދެކޮޅަށް ޤަތުލްޢާންމުގެ ކުށްތައް ހިންގާފައިވާ އަދި ހިންގަމުންދާ ޤައުމުތަކާ ދެކޮޅަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގައި ހިނގަމުންދާ މައްސަލަތަކެެއް ކަމުގައިވާ، “ދަ ގެމްބިއާ ވ. މިޔަންމާ” އަދި “ސައުތު އެފްރިކާ ވ. އިސްރާއީލު” މައްސަލަތަކަށް ދިވެހި ސަރުކާރުން ވަނީ ތަދައްޚުލުވެ، ޖެނޮސައިޑްގެ ކުށްތައް ހިންގާ ޤައުމުތައް ޖަވާބުދާރީ ކުރުވައި، ހަރުކަށި ފިޔަވަޅު އެޅުމަށް ވަކާލާތުކޮށްފައި ކަމަށް އުޝާމް ވިދާޅުވިއެވެ. ނަމަވެސް، އެހެން ޤައުމުތަކުން ޖެނޮސައިޑް ކޮންވެންޝަނަށް ކަމޭހިތުމަށް ރާއްޖެއިން ގޮވާލާއިރު، ރާއްޖެއިން އެ މުޢާހަދާގެ ދަށުން ކުރުން ލާޒިމްކޮށްފައި އޮތް ކަމެއް ކޮށްފައި ނެތުމަކީ، އެކަމުގެ ސަބަބުން ރާއްޖެއިން ހުށަހަޅާފައިވާ ޤާނޫނީ ނުކުތާތަކަށް އަސަރުކުރާކަމެއް ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙަކީ، ޖެނޮސައިޑް ކޮންވެންޝަންއާ އެއްގޮތްވާ ގޮތުގެ މަތިން ޤަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅާފައިވާ އިޞްލާޙެއް ކަމަށާއި މިއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.