މާލެ ސިޓީގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށްޓަކައި އައު އޮނިގަނޑެއް އެކުލަވާލަން ހަދާ ޕްލޭނަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
އެ އުސޫލުތައް އެކުލަވާލާފައި ވަނީ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ ފަންނީ އެހީތެރިކަމާއެކުއެވެ. އެ އުސޫލުތައް މިހާރު ވަނީ މާލެ ސިޓީ ކައުންސިލުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.
އެ އޮނިގަނޑުގެ ދަށުން، މާލޭގެ ވަކި ސަރަހައްދުތަކަށާއި ވަކި ވަގުތަށް ބަލައި ޕާކުކުރަން އަގު ކަނޑައަޅާނެ ހަމަތައް އެކަށައަޅައި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމުތައް ގާއިމުކުރެވޭނެއެވެ. އަދި ޕާކުކުރުމުގެ ގަވާއިދުތަކާއި ވަގުތާއި އަގުތައް ސާފުކޮށް އެނގޭނެ ބޯޑުތައް ހަރުކުރުމާއި، ޕާކިން ހުއްދައާއި ފައިސާ ދެއްކުމުގެ އިޖުރާއާތުތައް ފަސޭހަކޮށް، ޑިޖިޓަލް ވަސީލަތްތަކާއެކު މި ގަވާއިދުތައް ތަންފީޒުކުރުމުގެ ނިޒާމު ހަރުދަނާކުރެވޭނެ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.
މި މަސައްކަތްތައް 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސިޓީ ކައުންސިލުގެ ޕްލޭނުގައި ވަނީ ހިމަނާފައެވެ. މި އޮނިގަނޑު ތަންފީޒުކުރުމުގައި މައިގަނޑު އަސާސްތަކެއްގެ ގޮތުގައި ހިމެނެނީ ދަތުރުފަތުރުގެ ދާއިރާގެ ހިއްސާދާރުންގެ މެދުގައި ވިލަރެސްކުރުމާއި، ގަވާއިދުތައް ތަންފީޒުކުރުމާއި، ޕާކިން ކޮންޓްރޯލްކުރުމާއެކު އާންމު ދަތުރުފަތުރުގެ ފެންވަރު ރަނގަޅުކުރުމެވެ.
މީގެ އިތުރުން މި ޕްލޭނާ ގުޅޭގޮތުން ހުރި ޚިޔާލުތަކާއި ހުށަހެޅުންތައް، އީމެއިލްގެ ސަބްޖެކްޓަކަށް "ޑިކޮންޖެންޝަން ފީޑްބެކް" ޖެހުމަށްފަހު، އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ކުރިން[email protected]އަށް ފޮނުވުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.