ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ވެރިފިކޭޝަން މަރުހަލާ ނިންމައި އެ މީހުންނަށް ލިބުނު ޕޮއިންޓު ހިޔާވެހި ޕޯޓަލްގައި އާންމުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލާ އެއްގޮތަށް ވެރިފިކޭޝަން މަރުހަލާ ނިމިފައިވާ ކަމަށެވެ. އެ ހައުސިން ޔުނިޓުތަކަށް އެދި ފޯމު ހުށަހެޅި މީހުން ހިޔާވެހި ޕޯޓަލަށް ލޮގިންވުމުން، ފޯމަށް ލިބިފައިވާ ޕޮއިންޓް ފެންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ ޔުނިޓުތަކަށް ކުރިމަތިލީ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓާއި މެދު ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ. މީގެ އިތުރުން ޝަކުވާ ހުށަހެޅޭނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ. މިނިސްޓްރީން ބުނީ ހިޔާވެހި ޕޯޓަލް ނޫން އެހެން ގޮތަކުން ހުށަހަޅާ ޝަކުވާތަކާއި އެ މުއްދަތު ހަމަވުމަށް ފަހު ހުށަހަޅާ ޝަކުވާތައް ބަލައިނުގަންނާނެ ކަމަށެވެ.

ވިލުފުށިން ދޫކުރަނީ 2،000 އަކަފޫޓުގެ ބަންޑާރަގޯއްޗެއްގައި އިމާރާތްކޮށްފައި ހުރި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމެއް އަދި ބަދިގެއެއް ހިމެނޭ ހައުސިން ޔުނިޓްތަކެކެވެ.