ލ. ކައްދޫގައި މަރްޔަމް މޫސާ ނަމަކަށް ކިޔާ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެ މީހާ މަރުވި މައްސަލާގައި، ސައިކަލް ދުއްވި މީހާގެ މައްޗަށް މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ ލ.ފޮނަދޫ ހޯރަވިލާ، މުހައްމަދު ނައުސާނެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ މީހަކު މަރުވެ ދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ.

އެ އެކްސިޑެންޓް ހިނގީ ކައްދޫ އެއާޕޯޓު ކައިރިން ކަފިހި ހުރަސް މަތިން ހިނގާފައި ދިޔަ ލ. މާވަށު އެތުމާ، މަރްޔަމް މޫސާ އާއި އޭނާގެ މާމަދަރިފުޅުގެ ގައިގައެވެ. އެގޮތުން އެ ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް މަރްޔަމް މޫސާ ނިޔާވިއިރު، ޝަރީއަތުގައި މައްސަލަ އޮއްވައި ނައުސާން ވަނީ ދައުވާއަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފަ އެވެ.

މިގޮތުން ކޯޓުން ވަނީ އިއުތިރާފުގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.

އިއުތިރާފު އެއްބަސްވުމުގެ މައްޗަށް ރިއާޔަތްކޮށް ނައުސާންގެ މައްޗަށް އިއްވީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. އެ މައްސަލައިގެ ބަންދުގައި އެއް އަހަރާއި ދެ މަސް ހޭދަކޮށްފައި ވާތީ އިތުރަށް އޭނާ ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެކެވެ.

ކުށުގެ ކައްފާރާއެއްގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް ވެސް ހުކުމްގައި އަންގާފައިވެ އެވެ. މީގެ އިތުރުން މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ، 36 މަސްދުވަހުގެ ތެރޭގައި މައްޔިތާގެ ވާރިސުން ކަމަށްވާ އޭނާގެ ފިރިމީހާ އާއި 4 ފިރިހެން ދަރިންނާއި 4 އަންހެން ދަރިންނަށް ދިނުމަށް ވަނީ އަންގާފައެވެ.