މާލޭގެ ފުޓްބޯޅަ ކުޅުމަށް އެންމެ ގިނައިން ބޭނުންކުރާ އެއް ދަނޑުކަމަށްވާ އެފްއޭއެމް ޓާފް ގްރައުންޑް 1 ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.

މި މަސައްކަތަށް ބޭނުންވާ ޓާފާއި އެހެނިހެން ތަކެތި ފޯރުކޮށްދީފައިވަނީ މިނިސްޓްރީން ކަމަށާއި، ޓާފް ބަދަލުކުރުމުގެ މަސައްކަތް 20 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެފްއޭއެމް ޓާފް ގްރައުންޑް 1 ގެ ޓާފް އެންމެ ފަހުން ބަދަލުކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. އެއަށްފަހު ގިނަ އަހަރުތަކެއް ވަންދެން ޓާފް ބަދަލުނުކޮށް ބެހެއްޓުމުގެ ސަބަބުން، ދަނޑުގެ ޓާފް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މިކަމުގެ ސަބަބުން ދަނޑު ބޭނުންކުރާ ފަރާތްތަކަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ.