ރައްޔިތުންނަށް ނުލިބޭ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ދޭތީ އެ ޚިދުމަތް ކަނޑާލަން ގޮވާލައި ޕެޓިޝަނެއް ހުށަހެޅުމުން، މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް ހެލްތު އިންޝުއަރެންސް ދޭނެ ގޮތް ބަލަން ދިރާސާއެއް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

މެންބަރުންނަށް ދޭ ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި 7،000 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ފަހު އެ ޕެޓިޝަން ދިރާސާކުރަން ފޮނުވީ މާލިއްޔަތު ކޮމިޓީއަށެވެ.

އެގޮތުން އެ ޕެޓިޝަން ދިރާސާ ކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ދެމެހެއްޓެނިވި ގޮތަކަށް އެންމެންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދެވޭނެ ގޮތެއް ދިރާސާކުރަން ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އެ ވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ފާސްކުރި އިރު، އެ ބައްދަލުވުމުގައި އަޒާން ވިދާޅުވީ މެންބަރުންނަށް އިންޝުއަރެންސް ލިބެނީ ވަކި ގާނޫނެއްގެ ދަށުން ކަމަށެވެ. ވަޒީރުންގެ މަޖިލީހާއި ކޯޓުތަކުގެ މުވައްޒަފުން ހިމެނޭހެން ގިނަ މުއައްސަސާތަކެއްގެ މުވައްޒަފުންނަށް ވެސް އާސަންދައިގެ އިތުރުން ހެލްތު އިންޝުއަރެންސް ލިބޭ ކަމަށް އަޒާން ވިދާޅުވި އެވެ. އެހެންކަމުން ހަމަ އެކަނި ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އިންޝުއަރެންސް މިގޮތަށް ކަނޑާލުމަށް ވުރެ، އެކަންކުރަންޖެހޭނީ އެއަށް ވުރެ ދެމެހެއްޓެނިވި ގޮތަކަށް ކަމުގައި އަޒާން ވިދާޅުވިއެވެ. އަޒާން ވިދާޅުވީ މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ރައްޔިތުންތަކެއް ހުށަހަޅާނީ ކަންބޮޑުވުން އޮތުމުން ކަމަށާއި އެކަން ބަލައިގަންނަން ޖެހޭ ކަމަށާއި، އެފަދަ ބަދަލެއް ގެންނަން ޖެހޭނީ ދައުލަތުން ހެލްތު އިންޝުއަރެންސްގެ ހިދުމަތް ލިބޭ އެންމެން ހިމެނޭ ގޮތަށް ކަމަށެވެ. މިގޮތުން އަޒާން ހުށަހެޅުއްވީ ކަމާ ބެހޭ ހުރިހާ އިދާރާއެއްގެ މަޝްވަރާ ހޯދައި ސަރުކާރުގެ ވިސްނުން ވެސް ބަލައިގެން އެންމެ ހަރަދުކުޑަވާނެ ގޮތަކަށް ހެލްތު އިންޝުއަރެންސްގެ ކަންތައް ބަދަލުކުރުމަށެވެ.

މީގެ އިތުރުން އަޒާންގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ޑރ.ޝަމްހީދު ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީން ކުޑަ ކޮމިޓީއެއް ނަގައިގެން މުޅި މައްސަަލަ ދިރާސާކުރާށެވެ. އަދި މެންބަރުންނަށް ދޭ ފަދަ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ހުރިހާ ރައްޔިތުންނަށް ދޭން މަޖިލީހުގައި ކުރި ބަހުސްގައި ބައެއް މެންބަރުން ގޮވާލެއްވިކަން ފާހަގަކުރައްވަައި ޝަމްހީދު ވިދާޅުވީ އޭރުން ހަރަދުކުޑަވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.