ރާއްޖޭގެ ތާރީހުގައި އެއްވެސް ސަރުކާރަކުން ނުނަގާ މިންވަރަށް ލޯނު ނަގައި ގައުމު ލޫޓުވާލީ އެމްޑީޕީ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހަޅުއްވާފައިވާ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައީ ފަޅުރަށަކާއި ލެޕްޓޮޕަކުން ގައުމު ހިންގާނެކަމަށް ބުނެ ކަމަށާއި، ނަމަވެސް އެ ސަރުކާރުގައި ކުރި ކަމަކީ ގައުމުގައި ހުރި ހަރު މުދާ ވިއްކުން ކަމަށެވެ.
އޭރު ގައުމަށް ދިމާވި އިގްތިސާދީ ނާޒުކު ހާލަތުން ރާއްޖެ ސަލާމަތްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ވިސްނުންފުޅުގެ ސަބަބުންކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ، ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ރާއްޖޭގެ ރޭޓިންއަށް ގެނައި ބަދަލުތަކުން ދޭހަވަނީ ގައުމުގެ މިސްރާބު މިހާރު ހުރީ ރަނގަޅު މަގުގައި ކަމަށެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިނގާ ގޮތް އެމްޑީޕީގެ މެންބަރުންނަކަށް ނޭނގޭނެ ކަމަށެވެ. އެގޮތުން މި ސަރުކާރު ކުރިއަށްދަނީ ދަރަނި ދައްކަމުން، ރައްޔިތުންނަށް ބޭނުންވާނެ ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށްގެންދަމުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.