ކިތަންމެ ހިތްވަރެއް ހުއްޓަސް، އޮރެންޖެއް ފެލައިގެން އަންނާރު ދިޔައެއް ނުނިކުންނާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުންނަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ޒިޔާދު ވިދާޅުވީ، އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި ބަދަލު އުވާލަން ހުށަހެޅުމަށްފަހު، މިއަދު އެކަން ކުރަނީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ކަމަށް ބުނާ ބުނުމުން އެވާހަކަ ދެކޮޅު ނުޖެހޭ ކަމަށެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ މެންބަރުކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، ކޮލަމާފުށީގެ ނަރުދަމާ ނުނިމި އޮންނަތާ 2 އަހަރު ވެއްޖެ ކަމަށާއި، ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ބިން ހިއްކުމުގެ މަސައްކަތް ވެސް އޮތީ ހުއްޓިފައި ކަމަށެވެ. މީގެ އިތުރުން އެ ރަށުގައި އާރުޑީސީގެ އެތައް މުވައްޒަފުންނެއް އެބަތިބިކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، ބިދޭސީ މުވައްޒަފުންނަށް ވެސް މުސާރަ ދީފައި ބައިތިއްބާފައި ތިބޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ.

"މިވާހަކަތައް މި މަޖިލީހުގައި ނުދެއްކޭތީ އެ ބުނަނީ އެއީ ބޮޓުންނޭ. މި ނޫން ނަތީޖާއެއް ނެރެވޭނެތޯ. ގާނޫނު އަސާސީ އިން މި އޮތީ އެ ބަދަލު ގެނަސްފައި. ކިތަންމެ ހިތްވަރެއް ހުއްޓަސް އޮރެންޖެއް ފެލައިގެން އަންނާރު ދިޔައެއް ނުނިކުންނާނެ. ހެޔޮ އޮބި އެޅިޔަސް. އެކަމެއް ނުވާނެ. މި މަޖިލީހަކުން ރައީސުލްޖުމްހޫރިއްޔާގެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތެތް ފޮށާ އުފުލުން ނޫން ކަމެއް ދެން ނުކުރާނެ."

މެންބަރު ހުސައިން ޒިޔާދު

މީގެއިތުރުން، ސަރުކާރުން ކަމެއް ބަދަލުކުރުމަކީ މައްސަލައެއް ނޫން ކަމުގައި ވީނަމަވެސް، ތާއަބަދަށް ކުރާ ހަމައެކަނި ކަމަކީ "އުނބަށް ޖެހުން" ކަމަށް ވާނަމަ އެއީ މައްސަލައެއް ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ، ސަރުކާރުން ކުރާ ހުރިހާ ކަމަކުން ގެއްލުންވަމުން ދަނީ ރައްޔިތުންނަށް ކަމަށާއި، ޓެކްސް އަށް ބަދަލު ގެނެސްގެން ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ސަރުކާރުން އެހެން ބުނި ނަމަވެސް ފެންނަމުން ދަނީ އެ މަންޒަރު ނޫން ކަމަށް ވެސް ޒިޔާދު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ، ދެ މޫސުން ބެދޭއިރު ވައި ބަދަލުވާހެން ގާނޫނުތައް ބަދަލުވާނަމަ ރައްޔިތުންގެ އިތުބާރެއް ސަރުކާރަށް ނުލިބޭނެ ކަމަށެވެ.